ސަޓާގެ އެސޯސިއޭޓް ސްޕޮންސާއަކަށް މަޝްހޫރު ލޮޖިސްޓިކް ކުންފުނި، އޭޝިއާ ފޯވާޑިން

މިއަހަރު ބޭއްވި ޗައިނާ ސައުތު އޭޝިއާ އެކްސްޕޯގެ ތެރެއިން: އެ އެކްސްޕޯގެ އޮފިޝަލް ލޮޖިސްޓިކް ޕާޓްނަރަކަށް ވެސް ހަމަޖައްސާފައިވަނީ އޭޝިއާ ފޯވާޑިން --- ފޮޓޯ/ ޓްވިޓާ

ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އެސޯސިއޭޓް ސްޕޮންސާއަކަށް ރާއްޖޭގެ މަޝްހޫރު ލޮޖިސްޓިކް ކުންފުނި، އޭޝިއާ ފޯވާޑިން ހަމަޖައްސައިފި އެވެ.

ތައިލޭންޑާއި ސިންގަޕޫރުގެ އިތުރުން ޗައިނާ އަދި ދާދިފަހުން ދުބާއީގައި ވެސް ބްރާންޗެއް ހުޅުވާފައިވާ އޭޝިއާ ފޯވާޑިން އަކީ ދުނިޔޭގެ 2400 އަށްވުރެ ގިނަ ސިޓީން ކަނޑާއި ވައިގެ ފްރެއިޓް މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެ ކުރަމުންދާ ރާއްޖޭގެ ލީޑިން އަމިއްލަ ކުންފުންޏެކެވެ.

އޭޝިއާ ފޯވާޑިން އަކީ ގާތްގަނޑަކަށް 40،000 އަށްވުރެ ގިނަ ފްރެއިޓް ކުންފުނި ހިމެނޭ ދަ އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ފްރެއިޓް ފޯވާޑާސް އެސޯސިއޭޝަން (އެފްއައިއޭޓީއޭ) އާއި ވޯލްޑް ފްރެއިޓް ނެޓްވޯކް (ޑަބްލިއުއެފްއެން) މެމްބަރެކެވެ.

ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ ސަޓާ އެވޯޑްސް އިންތިޒާމް ކުރަނީ ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒްއިންނެވެ.

އަންނަ މަހުގެ 15 އަދި 16ގައި ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑްސްގެ ގާލާ އަދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ސްރީ ލަންކާގެ އެންމެ މަޝްހޫރު އެއް ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގައި ބާއްވަން ތައްޔާރުވަމުންދާއިރު، ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތަކުން ވަނީ ސަޓާ އެވޯޑްސް އެންޑޯސް ކޮށްފަ އެވެ.

އެގޮތުން، ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެއެވެ.

މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ)ގެ އިތުރުން، އިންޑިޔާގެ ތިން ވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެއެވެ.

މިއަހަރުގެ ސަޓާ އެވޯޑްސް 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތްތަކުން ވަނީ ނޮމިނޭޓްވެފަ އެވެ. އަދި އެވޯޑުގެ މިހާރު ކުރިއަށް ދަނީ ރާއްޖެއިން ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ފަނޑިޔާރުކަން ކުރުމެވެ.

އެގޮތުން، ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ތިއްބެވި މާހިރުންގެ ފެނަލުން މިހާރު ދަނީ ރާއްޖޭގެ ނޮމިނީސްއަށް ރާއްޖޭގައި ފަނޑިޔާރުކަން ކުރަމުންނެވެ.

comment ކޮމެންޓް