ޕީޕީއެމްގެ މައްސަލަ: ސުއޫދު ފެންމަތި ކުރި ވާހަކަތަކާއި އޭގެ ރައްދު!

ރައީސް މައުމޫންގެ ވަކީލު ސުއޫދު: ޕީޕީއެމްގެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފު ކުރެއްވި އާންމު މެމްބަރާ ގުޅޭ ގޮތުން ވާހަކަތަކެއް ފެންމަތި ކުރެއްވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ޕީޕީއެމް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ ޕީޕީއެމާ ދެކޮޅަށް އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅުއްވި ފަރާތުން ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލް ހުސްނުއްސުއޫދު އެ މައްސަލައާ ގުޅޭ އާ ވާހަކަތަކެއް ފެންމަތިކޮށްފި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލޯޔަރަކަށް ހަމަޖެއްސެވި ސުއޫދު، މީޑިއާއަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވި ސ. ހުޅުދޫ ފެންފިޔާޒު ވިލާ، އައްބާސް ވާފިރަކީ ރައީސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ އަރިސް ބޭފުޅެއް ކަމަށެވެ. އައްބާސަކީ ޝާހިދުގެ ޕާސަނަލް އެސިސްޓެންޓެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ޝާހިދުގެ އަރިސްބޭފުޅަކު ލައްވައި އެކަން ކުރެއްވީ އިސްތިއުނާފު ކުރުމުގެ ފުރުސަތު ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ގެއްލުވާލުމަށް ކަމަށެވެ.

"ޝާހިދު އޭނާގެ ރަހުމަތްތެރިކަން ކައިރީގައި ވިދާޅުވެފައި ވަނީ މައުމޫނަށް ވުރެ ކުރިން ތިމަންނަމެން މި މައްސަަލަ ހައި ކޯޓަށް ވައްދާފަ ތައްގަނޑު ޖައްސަވާލައްވާނެ ކަމަށް. އެގޮތަށް އަޅުގަނޑުމެންނަށް އޮތީ ހަމަޖެހިފައޭ،" ސުއޫދު ވިދާޅުވި އެވެ.

އައްބާސް ވާފިރު (ވ) މެމްބަރު ޝާހިދާއެކު: ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރެއްވީ ޝާހިދު ބައިވެރިވެވަޑައިގެން ކުރެއްވި ދައުވާއަކުން. އައްބާސް ހުށަހެޅުއްވީ ޝާހިދާ އެއްކޮޅަށް ނިމުނު ހުކުމް ބާތިލް ކުރުމަށް-- ފޮޓޯ/ ފޭސްބުކް

ސުއޫދު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ޝާހިދު "ސަން" ވިދާޅުވީ ސުއޫދު ހައްދަވަނީ އިތުރުފުޅު ކަމަށާއި ސާބިތުނުހިފޭ ވާހަކަތަކާ ގުޅިގެން ސުއޫދުގެ މައްޗަށް އަބުރު ދައުވާ ކުރުމާމެދު ވިސްނައިވަޑައިގަންނަވާނެ ކަމަށެވެ. ސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ކޯޓުގައި ޖަވާބުދާރީވެވަޑައި ގަންނަވަންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަރިސް މީހުން ވަރަށް ގިނަވާނެ. އަޅުގަނޑު ކީއްވެތޯ އެކަހަލަ ވާހަކަ ދައްކަންވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށްވެ ހުރެ. ސުއޫދު ހައްދަވަނީ އިތުރުފުޅު،" ޝާހިދު ވިދާޅުވި އެވެ.

އައްބާސްގެ ފަރާތުން ހައި ކޯޓުގައި އެދިފައި ވަނީ ރައީސް ޔާމީނާ ޕީޕީއެމް ހަވާލު ކުރި ހުކުމް ބާތިލް ކޮށްދިނުމަށެވެ. އެ މައްސަލައަށް ރައީސް މައުމޫންގެ ފަރާތުން ވަނީ ވަދެފަ އެވެ.

ސުއޫދުގެ އަމިއްލަ ލޯފާމުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލުވާލުމަށްޓަކާ އެހެން ފަރާތަކަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެ އަމަލަކީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ކަމަށެވެ.

ހައި ކޯޓުގައި މިހާރު ކުރިއަށްދާ ޕީޕީއެމްގެ އިސްތިއުނާފު މައްސަލަ އެ ކޯޓުން ބޭރުކޮށްލަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ދެހާސްތޭރަ ވަނަ އަހަރު ޕީޕީއެމްއާ ގުޅުމަށްފަހު އައްބާސް އޭނާގެ ފޯމު އަބްދުއްރަހީމާ ހަވާލު ކުރަނީ: ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރި މައްސަލަ މައުމޫނަށް ވުރެ ކުރިން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އައްބާސް-- ފޮޓޯ/ ޓްވިޓާ

މައްސަލަ ހައި ކޯޓު އިސްތިއުނާފު ކުރެއްވީ ދަށު ކޯޓުގައި ދައުވާ ކުރި ފަރާތުން ކަން ހައި ކޯޓަށް "އެނގޭތޯ ނުވަތަ ނޭނގޭތޯ؟" ވިދާޅުވެ ސުއޫދު ސުވާލު ކުރެއްވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ހައި ކޯޓަށް އެކަން އެނގިހުރެ އެފަދަ ފުރުސަތެއް ކޯޓުން ތަނަވަސް ކުރުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެންދާނެ ކަމެއްގެ ގޮތުގަ އެވެ.

"ކޯޓުން މިފަދަ ކަމަކަށް ޖާގަ ދެއްވައިގެން ނުވާނެ. ކޮންމެ ވެސް އިރަކު އަޅުގަނޑުމެން އެބަޖެހޭ ކޯޓުތަކަށް ހުރުމަތް ހޯދައިދޭން. އެ ދުވަހެއް އަންނައިރު އަޅުގަނޑުމެންނަށް ކިހިނެއްތޯ މިފަދަ ގޮތްގޮތަށް ކޯޓުގެ ޕްރޮސެސް އެބިއުސް ކުރަން ޖާގަ ދެވޭ ކަމަށް ވަންޏާ އިތުބާރު ހޯދައިދޭނީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އައްބާސްގެ ވަކީލު އާސިފް "ސަން"އަށް މިއަދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އައްބާސް އެ މައްސަލަ އިސްތިއުނާފު ކުރީ ޝާހިދުގެ ފަރާތުން ޝާހިދު ވިދާޅުވެގެން ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

"'ލޭމަނުން' ދައްކާކަހަލަ ވާހަކަ ދައްކައިގެން ނުވާނެ. ސުއޫދުމެން ކަހަލަ ދާއިރާގައި ގިނަ ދުވަސްވީ ބޭފުޅުން ވާހަކަފުޅު ދައްކަވަންޖެހޭނީ ހެއްކާއި ދަލީލާއެކު... އައްބާސަކީ ތިން އަހަރުވީ ޕީޕީއެމްގެ މެމްބަރެއް. އޭނާއަކީ ޕީޕީއެމްގެ 187 މެމްބަރުން ހިމެނޭ 'މާފިށި' ގޮތްޕެއްގެ ރައީސެއް،" އައްބާސްގެ ވަކީލު ވިދާޅުވި އެވެ.

ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވެ ސުއޫދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވެވަޑައިގެންފައި ހުރި ބޭފުޅަކަށް ޕާޓީގެ ހިންގުން ހަވާލުކޮށްގެން ނުވާނެ ކަމަށާއި ޕީޕީއެމްގައި މައްސަލަ އުފެދުނީ ވެސް އެމަނިކުފާނަށް ޕީޕީއެމްގެ ޓިކެޓް ދިނުމާދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ކަމަށެވެ.

"ޕާޓީގެ އެއްވެސް މަސްއޫލިއްޔަތެއް އަދާ ނުކުރާ ފަރާތަކަށް ޕާޓީގެ ހިންގުން ހަވާލު ކުރުމަށް އަމުރު ކުރައްވާފައި ވަނީ. އެއީ ޕާޓީގެ މުޝްތަޝާރު. މުޝްތަޝާރުގެ ނެތް އިދާރީ އެއްވެސް ކަމަކަށް ބެހުމުގެ. އަސާސީ ގަވާއިދުގަ ވަރަށް ސާފުކޮށް އެބަ އޮވޭ... އެހެންވީމަ އަސާސީ ގަވާއިދުގައި ނެތް ކަމެއް ހުކުމަކަށް ހުކުމް ކުރައްވާފައި އެ އޮތީ. ނުވަތަ އިތުރުކޮށްފައި އެ އޮތީ،" ރާއްޖޭގެ ބަންޑާރަ ނައިބުގެ މަގާމު އަދާ ކުރެއްވި ސުއޫދު ވިދާޅުވި އެވެ.

އައްބާސް ވާފިރު މެމްބަރު ޝާހިދާއެކު: މައުމޫނަށް ވުރެ ކުރިން މައްސަލަ އިސްތިއުނާފު ކުރެއްވި އައްބާސާއި ޝާހިދަށް ތުހުަމތުތަކެއް ސުއޫދު ކުރެއްވި-- ފޮޓޯ/ ފޭސްބުކް

ޕީޕީއެމް ރައީސް ޔާމީނާ ހަވާލު ކުރި މައްސަލައިގެ ތިން ވަނަ އަޑުއެހުމެއް މާދަމާއަށް ވަނީ ހައި ކޯޓުގައި ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުން ކުރި ސުވާލުތަކަށް މައްސަލައިގެ ހިމެނޭ ފަރާތްތަކުން ޖަވާބު ދިނުމެވެ.

އިއްޔެ ބޭއްވި ޝަރީއަތުގައި ސުވާލުކޮށްފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް ހުރީ ވަކިކޮށްފައިތޯ އާއީ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަންތޯ އެވެ.

ޕީޕީއެމްގެ މައްސަލަ ހައި ކޯޓުގައި ބައްލަވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

comment ކޮމެންޓް