ހައުސިން މިނިސްޓްރީން ބަލައިގަންނަނީ ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން އަންނަ ހުށަހެޅުންތައް: މުއިއްޒު

އެމްޑީއޭއިން އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު

ތަނެއް ކުއްޔަށް ނެގުމަށް ހައުސިން މިނިސްޓްރީއަށް ޕީޕީއެމުން ހުށަހެޅީ ކަމަށް ބަލާނީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ލީޑާޝިޕްގެ ދަށުން އަންނަ ރިކުއެސްޓުތައް އެކަނި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ އިން އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވީ ސިވިލް ކޯޓުން ވެސް ހުކުމް ކޮށްފައި ވަނީ ޕީޕީއެމްގެ ހިންގުން ހަވާލުކުރެވޭނީ ރައީސް ޔާމީނާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ބަލައިގަންނަނީ ކޯޓުގެ ނިންމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން ނޫން ގޮތަކަށް އަންނަ ރިކުއެސްޓުތަކަށް ހައުސިން މިނިސްޓްރީން ޖަވާބުދާރީވާންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެހެންވީމާ އެ ނޫންގޮތަކަށް ނިންމައިފި ނަމަ އަޅުގަނޑުމެން ވެސް އޭގައި ޖަވާބުދާރީވާންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. މިހާރު މިދެންނެވީ މިނިސްޓްރީގެ ހައިސިއްޔަތުން ކުރެއްވި ދެވަނަ ސުވާލުގެ ޖަވާބުގައި. ޕީޕީއެމްގެ ފަރާތުން އަންނަ ރިކުއެސްޓު ކަމަށް އަޅުގަނޑުމެންނަށް އަންނަނީ ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން އަންނަ ރިކުއެސްޓުތައް،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސަތުގައި އެޕާޓީގެ ސްޕޯކްސް ޕާސަން ކަމަށް ކައުންސިލުން އައްޔަން ކުރެއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައި ވަނީ، މި މަހުގެ 27 ވަނަ ދުވަހަކީ އެ ޕާޓީގެ އަހަރީ ދުވަސް ކަމަށްވާތީ، އެދުވަހުގެ ރޭ ޖަލްސާ ބާއްވަން ދަރުބާރުގެ ހޯދަން ހައުސިން މިނިސްޓްރީގައި ޕީޕީއެމް އިން އެދުނު ކަމަށެވެ. ނަމަވެސް އެ ތާރީޚަށް ދަރުބާރުގެ ދެވެން ނެތް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހަށް ހަމަޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޖަލްސާ ބާއްވަން ފައިސާ ދައްކާފައި ވަނިކޮށް އިމްތިހާނެއް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދޭންޖެހޭތީ އެ ތާރީޚުގައި ވެސް ދަރުބާރުގެ ލިބެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަނެއްކާ ވެސް އަންގާފައިވާ ކަމަށެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ހައުސިން މިނިސްޓްރީން ތަނެއް ހަމަޖައްސާފައިނުވާތީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ މ. އެންދެރިމާގޭގައި ޖަލްސާ ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް