އަނދާފައި އޮތް މީހާގެ ހަށިގަނޑު ދެ ދުވަސް ފަހުން ފެނިއްޖެ

އާގުބޯޓު، "ބަރޯސާ"ގައި ރޯވެ އަނދަނީ: އެ ބޯޓުގެ ތެރެއިން ގެއްލުނު ކަމަށް ބުނާ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނޭ -- ފޮޓޯ/ އެމްއެންޑީއެފް

ކ. ތިލަފުށީ ބޭރުގައި އަޅާފައި އޮއްވައި މީގެ ދެ ދުވަސް ކުރިން އަލިފާން ރޯވި އާގުބޯޓު، "ބަރޯސާ"ގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު "ސަން" އަށް ވިދާޅުވީ، އެ ބޯޓުގައި ރޯވި އަލިފާންގަނޑު މިއަދު ހެނދުނު 9:00 އެހައިކަންހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

ބޯޓުގެ އެތެރެއަށް ފަޔާ ފައިޓަރުން ވަދެ ބެލިއިރު، "ބަރޯސާ"ގެ ފަޅުވެރިންގެ ތެރެއިން ގެއްލިގެން އުޅުނު މީހާ ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ބޯޓުގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މީހާގެ ތަފްސީލެއް އަދުނާން ހާމައެއް ނުކުރެއެވެ. އަދުނާނު ވިދާޅުވީ، ގެއްލުންތަކެއް ލިބިފައިވާ އޭނާގެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އަދާފައި އޮތް އިންސާނެއްގެ ކަށިތަކެއް ބޯޓުން ފެނިފައިވާ ކަމަށާއި އެ ކަށިތައް މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ގެންގޮސްފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ކަށަވަރުނުވާ ކަމަށެވެ.

ބަރޯސާ ބޯޓުގައި މަސައްކަތް ކުރާ އިންޑިއާ ފަޅުވެރިޔަކު "ސަން" އަށް އިއްޔެ ބުނީ ބޯޓުގައި 19 މީހަކު މަސައްކަތް ކުރާ ކަމަށާއި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އޭނާ ނުފެނުނު ކަމަށް. ހަށިގަނޑުވެސް ނުފެނުނު ކަމަށް. ބެލެވެނީ އަނދައިގެން ދިޔައީ ކަމަށް،" ބަރޯސާ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިޔަކު ބުންޏެވެ.

ނަމަވެސް އެބޯޓުގެ ވެރިފަރާތަށް ގުޅިފައިނުވާތީ އެ ބޯޓަށް ލިބުނު ގެއްލުމުގެ އަގު އަދި އަންދާޒާކުރެވިފައެއް ނުވެއެވެ. ބަރޯސާ ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ގެންދާ ބޯޓެކެވެ. މިފްކޯގެ އެ ބޯޓު ވަނީ އަމިއްލަ ކުންފުންޏަކަށް ވިއްކާލާފަ އެވެ.

comment ކޮމެންޓް