ޕީޕީއެމުން އެއްވެސް މަރުހަލާއެއްގައި އެމްޑީޕީއާއެކު އެއްމޭޒަކަށް އެރޭނެ ކަމަށް ގަބޫލެއް ނުކުރަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމްގެ ދެކަނބަލުން ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އިލްހާމްގެ ދެކަނބަލުންގެ އަރިހުގައި ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމުން އެއްވެސް މަރުހަލާއެއްގައި އެމްޑީޕީއާއެކު އެއް މޭޒަކަށް އެރޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުފެއްދީ އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ ސިޔާސަތާއި އެމްޑީޕީން ދެކެމުން އައިގޮތާއި އަދި އެމްޑީޕީން ދިވެހި ވެއްޓަށް ގެނައި ނާތަހުޒީބު ބަދަލުތަކާ ދެކޮޅަށް އިހްތިޖާޖު ކުރަމުން ކަމަށެވެ. އެކަމަށްޓަކައި ޕީޕީއެމްގެ މެމްބަރަކަށްވާތީ އުފާވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވެގެން މި ޕާޓީގެ މެމްބަރަކަށް ވެގެން އަޅުގަނޑު އުފާވަނީ. އެހެންވެގެން މިޕާޓީގެ މެމްބަރަކަށް ވެގެން އަޅުގަނޑު ޝަރަފުވެރި ވަނީ. އަޅުގަނޑުމެން ޕާޓީގެ މެމްބަރުންނަށް ގަބޫލެއް ނުކުރެވޭނެ އަޅުގަނޑުމެން އެމްޑީޕީއާ ގުޅިގެން އެއްވެސް ކަމެއް ކުރާތަން ބަލާކަށް. އެކަމަކު އެކަން ވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. މިއީކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފައިނުވާ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތައް އެއްމޭޒުދޮށަށް އަރައި ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށް ގުޅިފައިވާ ބަޔާނެއް ނެރެފައެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވާހަކަ ދެއްކުމަށާއި ހަމަޖެހުން ގެންނައުމަށާއި ގައުމު ބައްޓަންކުރާ މަސައްކަތުގައި އެމްޑީޕީއާއެކު އެއްމޭޒަށް އެރުމަށް ޕީޕީއެމްގެ މެމްބަރުންނަށް ފަސޭހަނުވާނެ ކަމަށެވެ.

"އެހެނެއް ނޫން ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމުގެ ޖަލްސާގައި އަޅުގަނޑުމެން ވެސް ތިބެދާނަން. އެކަމަކު ސިޔާސީ ވާހަކަ ދައްކާކަށް، ހަމަޖެހުން ގެންނާކަށް، ގައުމު ބައްޓަންކުރާ މަސައްކަތުގައި އަޅުގަނޑުމެންނަކަށް ފަސޭހައެއް ނުވާނެ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ހިތާމަޔާއެކު ފެނިގެންމިދަނީ އެކަން. މިއީ އަޅުގަނޑުމެންގެ ޕާޓީގެ އެއްވެސް މެމްބަރަކު ގަބޫލުކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް