ޕޮގްބާގެ ދެ ގޯލުން ޔުނައިޓެޑުން ފެނަބާޗޭގެ މައްޗަށް ކުރި ހޯދައިފި

ޕޮގްބާ: ރޭގެ މެޗުގައި އޭނާ ވަނީ ދެ ގޯލު ކާމިޔާބްކޮށްފަ ---

ޕައުލް ޕޮގްބާ ކާމިޔާބު ކޮށްދިން ދެ ގޯލާއި އެކު 4-1ގެ ނަތީޖާ އަކުން ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗަސްޓާ ޔުނައިޓެޑުން ފެނަބާޗޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު އެ މެޗުގައި ކެޕްޓަން ވޭން ރޫނީ ވަނީ ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅެފައެވެ. ނަމަވެސް އެންމެ ފަހުން ޔުނައިޓެޑު ކުޅުނު ހަތަރު މެޗުގައި ވެސް ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުން ޒަލްޓަން އިބްރަހިމޮވިޗަށް ކޯޗު ހޯސޭ މޮރީނިއޯ ފުރުސަތެއް ނުދެއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މެޗުގެ 31 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޮގްބާއެވެ. އޭގެ ތިން މިނެޓް ފަހުން ޔުނައިޓެޑުގެ ދެވަނަ ގޯލު ވެސް ކާމިޔާބު ކޮށްފައިވަނީ ލިބުނު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީ ފޮނުވާލީ އެންތޮނީ މާޝިއަލްއެވެ.

ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗު ލީޑު ފުޅާ ކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ޕޮގްބާ ފޮނުވާލި ބޯލަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ޔުނައިޓެޑްގެ ފަހު ގޯލު ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނިކުއިން ޖެސީ ލިންގާޑުއެވެ. އޭނާ އެގޯލު ކާމިޔާބުކުރީ ފެނަބާޗޭ ޕެނަލްޓީ އޭރިއާ ބޭރުން ރޫނީ ޖައްސާލި ބޯޅަ އެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

ފެނަބާޗޭއަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުނައިޓެޑުގެ ކުރީގެ ފޯވާޑު ރޮބިން ވެންޕާސީއެވެ. ވެންޕާސީގެ ގޯލާއި އެކު ޔުނައިޓެޑް ސަޕޯޓަރުން ވެސް ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑު އޮތީ ގުރޫޕު އޭގެ ދެވަނާގައި ހަ ޕޮއިންޓާއި އެކުއެވެ. ފެޔަނޫޑް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފެޔަނޫޑް ވަނީ ރޭ ޔޫކްރޭނުގެ ޒޯރްޔާ އަތުން 1-0 އިން މޮޅުވެފަ އެވެ. ފެނަބާޗޭ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޒޯރްޔާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

comment ކޮމެންޓް