ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ޒެފްރޯލާއި ގްރީން ސްޓްރީޓް ދަތުރުކޮށްފި

ދެވަނަ ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެމްޓީސީސީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކްލަބް ޒެފްރޯލާއި ކްލަބް ގްރީން ސްޓްރީޓް ދަތުރުކޮށްފި އެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ޒެފްރޯލުން ހޯދީ މިދިޔަ ބްރާސްފަތި ދުވަހު ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ދަ ގޭންގްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

ނިއު ރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަހްމަދު މުހައްމަދު (އައްމަޑޭ) ގެ ކޯޗް ކަމުގެ ދަށުން ނިކުތް ޒެފްރޯލުގެ ހަމަ އެކަނި ގޯލު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ނައުޝާދެވެ.

ފައިނަލްގެ ދަވަނަ ޖާގަ ގްރީން ސްޓްރީޓުން ހޯދީ އިއްޔެ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ނަތިޖާއަކުން ކުރި ހޯދައިގެންނެވެ.

އެ މެޗުގައި ގްރީން ސްޓްރީޓުގެ ދެ ގޯލު ބިދޭސީ ފޯވާޑް މަރަތު ގުވްޒެވް ވަނީ ކާމިޔާބް ކޮށްދީފަ އެވެ. އަނެއް ލަނޑު ޖެހީ ފުރަތަމަ ޑިވިޝަންގެ ވީބީ އާއި އީގަލަސްއަށް ކުރިން ކުޅުނު އަބޫ ޑެސްމަން މަންސާރޭ އެވެ. ފަހު ގޯލަކީ މަހިބަދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މަހިބަދޫ އަށް ސުން ކަނޑުވާލަ ދިން ގޯލު ކާމިޔާބު ކޮށްދިނީ އަލީ ޝަފީއު އެވެ.

އެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގަ އެވެ. ފައިނަލް މެޗަށް ނުކުންނައިރު އެ ދެޓީމު ވަނީ ގްރޫޕް ސްޓޭޖްގައި ވާދަކޮށްފަ އެވެ. އެ މެޗު ކާމިޔާބު ކުރީ ގްރީން ސްޓްރީޓެވެ.

ފައިނަލް މެޗު ކާމިޔާބު ކުރާ ޓީމަކަށް ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އަށްދާ ޓީމާ ދެކޮޅަށް ޕްލޭއޮފްގައި ކުޅޭށެވެ.

comment ކޮމެންޓް