ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިނިސްޓަރު ޒަމީރު

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު -- ސަން ފައިލް ފޮޓޯ

ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން ފެކްޝަނުން އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފިއެވެ.

ޒަމީރު ނައިބު ރައީސަކަށް އައްޔަން ކުރެއްވީ މިރޭ އެ ޕާޓީގެ ރައީސް ޔާމީން ފެކްޝަންގެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވޯޓުދެއްވި 21 މެމްބަރުންގެ އިއްތިފާގުންނެވެ.

މިރޭ ކައުންސިލް ބައްދަލުވުމުގައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ހުސްވެފައިވާ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަންކޮށްފައެވެ.

ހަމައެއާއެކު އެ ޕާޓީގެ އިންތިހާބު ކޮމެޓީން ހުސްވެފައިވާ މަގާމަށް ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޝަޒާއިލް ޝިޔާމް އާއި އަބްދުﷲ ރަޝީދު އައްޔަނުކޮށްފައިވެއެވެ.

ރައީސް މައުމޫން ފެކްޝަނުން ވެސް ވަނީ އެދެ މަގާމަށް ދެބޭފުޅުން އައްޔަންކޮށް މިހާރު އޮތް ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށްފައެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީން ވަކި ދެ ފެކްޝަނަކަށް ޕީޕީއެމް ހިންގަވަމުންދާއިރު ސިވިލްކޯޓުން ކަނޑައަޅާފައިވަނީ އެ ޕާޓީގެ ކައުންސިލުން ވަކިގޮތެއް ކަނޑައަޅަންދެން ރައީސް ޔާމީނާ ޕީޕީއެމް ހަވާލު ކުރުމަށެވެ.

ރައީސް ޔާމީނުގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްފައި ވަނީ، ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން، މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް ޔާމީނާ ޕީޕީއެމް ހިންގުން ހަވާލުކުރުމަށެވެ.

comment ކޮމެންޓް