ރައީސް ޔާމީނާ ދެކޮޅު ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތް ކުރަންޖެހޭ: އެމްޔޫއޯ

އެމްޔޫއޯއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެކޮޅު ފަރާތްތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން ގޮވާލައިފިއެވެ.

އެމްޔޫއޯއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ރައީސް ޔާމީނާ ދެކޮޅު ފަރާތްތަކުން ގައުމީ މަސްލަހަތުގައި އެއްވާހަކެއް ދެކެވޭއިރު އެކުގައި މަސައްކަތްކުރުން މާ ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެކެވޭ ޕީޕީއެމަށްވެސް އަދި އެހެން ފަރާތްތަކަށްވެސް ވަކިވަކިން އެމަސައްކަތް ކުރުމުގެ ބަދަލުގައި އެއްގޮތެއްގައި އެމަސައްކަތް ކުރެވޭނެ ކަމަށް. އެޖާގަ ހުރިހާ ދިމާލަކުން އަޅުގަނޑުމެންނަށް އެބައޮތް،" ޝިފާޒު ވިދާޅުވިއެވެ.

މިސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމާ ބައްދަލުކުރައްވައި ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވަކިވަކިން އުޅުމަށްވުރެ އެކުގައި މަސައްކަތް ކުރުން މާ ރަނގަޅު ކަމަށެވެ.

"ވަކިވެގެން އެކަނި ކަންތައް ކުރުމަކީ ރައީސް ޔާމީނުގެ މަގު، ނާކާމިޔާބުގެ މަގު. ކާމިޔާބުވާންއޮތީ އެންމެންގުޅިގެން އެކުވެރިކަމާއި އެއްރޫހެއްގައި މަސައްކަތްކޮށްގެން ކަމުގައި ދެކޭތީ އަޅުގަނޑުމެން އެފަދަ ޑައިލޮގެއް މި ސްޓާޓް ކުރީ،" މަލީހް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

ރައީސް މައުމޫނު ވަނީ، އިއްޔެ ހަވީރު މި ސަރުކާރުގެ ކުރީގެ ތިން ވަޒީރުންނާ ބައްދަލުކުރައްވައި ސިޔާސީ މަސްރަހުގައި ހުރި ކަންތައްތަކާ ގުޅޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރައްވައިފައެވެ. އެ ބޭފުޅުންގެ ތެރޭގައި މަލީހުގެ އިތުރުން، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި، ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް