އެމްބީއޭގެ ރައީސްކަމަށް އިންތިޚާބުވުމާއެކު ޝިނާން އެ މަގާމުން އިސްތިއުފާދެއްވައިފި

މިއްޗަންގޯލި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ޝިނާން: އެމްބީއޭގެ ރައީސްކަމަށް އޭނާ މިރޭ އިންތިޚާބުވުމުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި -- ސަން ފައިލްފޮޓޯ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން އެމަގާމަށް މިރޭ އިންތިޚާބު ވުމާއެކު އޭނާ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސައިކްލޯން ބާސްކެޓްބޯޅަ ކުލަބުގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ޝިނާން އެމްބީއޭގެ ރައީސްކަމަށް އިންތިޚާބުވީ، އެލްޓީ ސްޕޯޓްސް ކުލަބުގެ ފަރާތުން ވާދަ ކުރެއްވި އަހްމަދު މަމްދޫހް (މަންޑޭ) އާ ވާދަ ކުރައްވައި އެންމެ ވޯޓެއްގެ ތަފާތުންނެވެ.

އެމްބީއޭގެ އިންތިޚާބުގައި ޖުމުލަ 29 މެންބަރުން ވޯޓު ދީފައި ވާއިރު، ޝިނާނަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އަދި މަންޑޭއަށް ވަނީ 14 ވޯޓު ލިބިފައެވެ. މީގެ އިތުރުން ހިންގާ ކޮމިޓީގެ ނައިބު ރައީސްކަމާއެކު މެޖޯރިޓީ ހޯއްދެވީ މަންޑޭގެ ޓީމުންނެވެ.

މަގާމުން އިސްތިއުފާދެއްވުމަށްފަހު، ސިނާން ވިދާޅުވީ، އޭނާ އެމަގާމަށް ވާދަކުރެއްވީ، "ޝަވީދާ ދެކޮޅަށް" ކަމަށެވެ.

ސިނާން ވިދާޅުވީ، އޭނާއާ ވާދަކުރި މަންޑޭއަކީ ވަރަށް ގާތް ރަޚްމަތްތެރިއެއް ކަމަށާއި ނަމަވެސް އިންތިހާބްގެ އެއްވެސް ހިސާބެއްގައި އޭނާ މަންޑޭއާ ވާދަ ނުކުރާ ކަމަށެވެ.

"އަޅުގަނޑު ވާދަކުރީ (އޮލިމްޕިކް ކޮމެޓީގެ ރައީސް) ޝަވީދުއާ. އަޅުގަނޑު ޝަވީދުއާ ވާދަކޮށް ކާމިޔާބްވެއްޖެ ކަމަށް ގަބޫލުކުރަނީ،" ޝިނާން ވިދާޅުވިއެވެ.

"މިއީ އަޅުގަނޑާއި މި އިންތިހާބުގައި ވާދަކުރެއްވި އަޅުގަނޑުގެ ޓީމަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއް. މި ޗެލެންޖްގައި އަޅުގަނޑުމެން ކުރިމަތިލައި މަސަތްކަތް ކުރީ ވަރަށް ފޮނި ވަރަށް ހިތްވަރާއި އެކު. ނަމަވެސް ނަތީޖާ މި ފެނުނީ އަޅުގަނޑުމެން ހީކުރިގޮތާ މުޅިން ހިލާފަށް،" ސިނާން ވިދާޅުވިއެވެ.

އިންތިހާބީ ކޮމިޓީގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ، އިންތިހާބު ބޭއްވުމާ އެކު އެ ކޮމިޓީގެ މަސައްކަތް ނިމުނީ ކަމަށާއި ހުސްވެފައިވާ އެމްބީއޭގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބުކުރާނީ އަލަށް ހޮވުނު އެކްސްކޯ އިން ކަމަށެވެ.

comment ކޮމެންޓް