ބޭބެއަށް ވާތީ ރައީސް މައުމޫނަށް ރައްދުދޭން ބޭނުމެއް ނޫން: ރައީސް ޔާމީން

ރައީސް ޔާމީނާއި ރައީސް މައުމޫން ބައްދަލުކުރައްވަނީ ---- ސަން ފައިލް ފޮޓޯ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ އެމަނިކުފާނުގެ ބޭބޭފުޅު ކަމަށްވާތީ މައުމޫން އެމަނިކުފާނާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކަށް ރައްދުދޭން ބޭނުންފުޅުނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެކި ބޭފުޅުން ޓީވީތަކުގައި އެމަނިކުފާނާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވާ ކަމަށާއި ނަމަވެސް ބޭބޭފުޅަށް ވީތީ މައުމޫން އެމަނިކުފާނާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

"އެކި ބޭފުޅުން ޓީވީތަކުގައި ދައްކަވާ ވާހަކައަށް މިރޭ އަޅުގަނޑު ކޮންމެވެސް ރައްދެއް ދޭން ބޭނުންވޭ. އެކަމަކު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްގެ ރައީސަކީ އަޅުގަނޑުގެ ލޯބިވާ ބޭބެ. އެހެންވީމަ އަޅުގަނޑަކަށް ނެތް އެމަނިކުފާނާ ބެހޭގޮތުން ވާހަކަދެއްކޭކަށް. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާ ގުޅޭގޮތުން އެކި ބޭފުޅުން ދައްކަވާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެވާހަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިނަމަ އެބޭފުޅުން އެއަށްދޭނެ ޖަވާބެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު ގަބޫލުކުރައްވާ އަޅުގަނޑު ދެންނެވީމަ. އަޅުގަނޑާ ބެހޭގޮތުން އެކިބޭފުޅުން އަރުއްވައިގެން އެ ދައްކާ ވާހަކައިގެ އެއްވެސް އަސާސެއް ހަގީގަތެއް ނޯންނާނެ. އަޅުގަނޑު އެއަށް ރައްދުދޭން ވެއްޖެކަމަށް ވަންޏާ އަޅުގަނޑު ދޭނެ ރައްދަކަށް ޖަވާބުދޭނެ ބޭފުޅެއް ނުހުންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ވަކިވަކި ފަރުދުން ދައްކާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ރައްދު ދެއްވުމަކީ މަގާމާ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ދާދިފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މީގެކުރިން އެތައްފަހަރަކު އެމަނިކުފާނު އެދިވަޑައިގަތުމުން ވެސް ބައްދަލުކުރެވޭ ގޮތް ނުވި ކަމަށެވެ. އެހެންކަމުން މިއަދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އެމަނިކުފާނާ ބައްދަލުނުކުރެވިގެން އުޅެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މަޝްވަރާއަކާ ނުލައި ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާތީ މައުމޫން ވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.

comment ކޮމެންޓް