ރައްޔިތުންގެ ފައިދާއަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކަށް ފުރުސަތުދޭންޖެހޭ: އާމިރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

ރައްޔިތުންގެ ފައިދާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާ މަސައްކަތްތަކަށް ފުރުސަތު ދިނުމަކީ ކޮންމެ ރައްޔިތަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ މަތިކޮށްފައި ކަމަށާއި އެކަންކަން ކުރުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމަށްޓަކައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެބަހުރި ގާނޫނުތަކުގެ އިތުރުން ވަރަށް ބައިވަރު މަސްއޫލިއްޔަތުތަކެއް އެބަހުރި ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައި. އެހެންވެއްޖެކަމަށްވަންޏާ އެކަންކަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުރާ މަސައްކަތްތަކަށް ފުރުސަތު ދިނުމަކީ ހަމަގައިމުވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ދޭންޖެހޭނެ ފުރުސަތެއްކަން އަޅުގަނޑުމެން ދެކެން،" އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭރުގެ އެހީ ހޯދުމަކީ ވެސް ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމަށާއި ސަބްސިޑީޒްތައް ދިނުމުގެ ސަބަބުން އެކަމަށް ހުރަސްއެޅޭ ކަމަށެވެ. ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީޒް ހަމައެކަނި ނިކަމެތީންނަށް ދިނުމަށް ނިންމި ނިންމުމަކީ އޭނާ ދެކޭގޮތުގައި ރައްޔިތުންގެ ލާބަޔާ މަންފާއަށް ރައީސް ޔާމީން ކުރެއްވި ކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަށްވުރެ ދިވެހި ގައުމު މާ ބޮޑު ކަމަށާއި އެހެންކަމުން ގައުމުގެ ކަންކަން ރައްޔިތުން ހަވާލުކޮށްފައިވާ ފަރާތަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ހުރިހާ ޕާޓީއަކަށް ވުރެ ވެސް ދިވެހި ގައުމު ބޮޑު. އެހެންވީމަ ގައުމުގެ ކަންތައްތައް ރައްޔިތުން ހަވާލުކޮށްފައިވާ ފަރާތަކާއެކު އެ ފުރުސަތުދީގެން މަސައްކަތް ކުރުމަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރާ ކަމަށްވަންޏާ ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެކަން އެގޮތަށް ކުރަންޖެހޭނެ،" އާމިރު ވިދާޅުވިއެވެ.

comment ކޮމެންޓް