ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްގައި ސާޖިނާ ލޯ މެޑައްޔެއް ހޯދައިފި

އައިޝަތު ސާޖިނާ ވަނީ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްގައި ލޯ މެޑައްޔެއް ހޯދައި، ގައުމީ ރެކޯޑް އާކޮށްފައި --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްރީލަންކާގައި މިހާރި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްގެ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އައިޝަތު ސާޖިނާ، ގައުމީ ރެކޯޑްއާކޮށް އެ އިވެންޓުން ލޯ މެޑަލް ހޯދައިފިއެވެ.

ކޮލަމްބޯގައި އިއްޔެ ފެށި އެ މުބާރާތުން ސާޖިނާ ލޯ މެޑަލް ހޯދީ 50 މީޓަރު ބްރެސްޓްސްޓްރޯކުގެ 18 އަހަރުން މަތީގެ ކެޓަގަރީންނެވެ. އޭނާ ރޭސް ނިންމީ 37.98 ސިކުންތުންނެވެ. އެ އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން ސާޖިނާ އާކުރީ މި އަހަރު ކުރީކޮޅު އޮތް މެލޭޝިއަން އޯޕަންގައެވެ.

ސައުތު އޭޝިއަން ސްވިމިން ފެޑަރޭޝަނާއި ސްރީލަންކާ އެކުއަޓިކް ސްޕޯޓްސް ޔޫނިއަން ގުޅިގެން ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވަނީ މުބާރާތް ބާއްވާ ލަންކާއާއި އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ނޭޕާލެވެ.

އެމުބާރާތުގައި ރާއްޖޭން 23 ފެތުންތެރިއަކު ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ 16 އަންހެން ފެތުންތެރިއަކާއި ހަތް ފިރިހެން ފެތުންތެރީންނެވެ.

ދިވެހިރާއްޖޭގެ ފެތުންތެރިންގެ ކޯޗުންގެ ގޮތުގައި ޚަރަކާތްތެރިވަނީ އިސްމާޢީލް ފަރުޙާނު އަދި މުޙައްމަދު ޒާޙިދެވެ. މެނޭޖަރެއްގެގޮތުގައި ޓީމާ ހަވާލުވެގެން ހުންނާނީ ޢަލީ ޝަމީމެވެ. އަދި އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި މަރިޔަމް ނަފްޙާ ޢަލީ ޚަރަކާތްތެރިވާނެއެވެ.

ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ މިމުބާރާތުގައި އަށާރައަހަރުން މަތި، އަށާރައަހަރުން ދަށް އަދި ސާދައަހަރުން ދަށުގެ އުމުރުފުރާތަކުގައި ފެތުންތެރިން ވާދަކުރާނެއެވެ.

މުބާރާތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

comment ކޮމެންޓް