އަލީ ވަހީދަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަދާލަތާއި އެމްޑީޕީން ކުށްވެރިކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު: އަލީ ވަހީދަށް ޓެރަރިޒަމްގެ ދައުވާ އުފުލި މައްސަލަ އަދާލަތުން ކުށްވެރިކުރޭ --- ސަން ފައިލް ފޮޓޯ

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ، އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.

އަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރު މެއިމަހުގެ އެއްވަނަ ދުވަހު ބޭއްވި އެއްވުމަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އިސްކޮށް ހުންނަވައިގެން "ސަރުކާރުގެ އެތެރޭފައި ހިންގަމުން ގެންދިޔަ ވައްކަމާއި ކަރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކާއި ދެކޮޅަށް" ބޭއްވި އެއްވުމެއް ކަމަށާއި އެ އެއްވުމުގައި އަލީ ވަހީދުގެ ވަރަށް އިސް ދައުރެއް އޮތް ކަމަށެވެ.

އަދާލަތުގެ ބަޔާނުގައި ބުނީ މޭޑޭ މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އަލީ ވަހީދު ހުންނަވައި، އެދުވަހުގެ މުޒާހަރާގައި އަލީ ވަހީދު އިސް ދައުރެއް އަދާކޮށްފައިވާ އިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއިން ސާބިތުކޮށްދެނީ ރައްޔިތުން ބަލައިގެންފައިވާ ސިޔާސީ ލީޑަރުން ޖަލުގޮޅީގައި ބަންދުކޮށްގެން ނޫނީ ރައީސް ޔާމީންގެ "އަނިޔާވެރި ވެރިކަން ދެމެހެއްޓެން ނެތްކަން ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލުކުރައްވާކަން" ކަމަށެވެ.

އަދާލަތުގެ ބަޔާނުގައި ބުނީ، އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުން ރައީސް ޔާމީންގެ އަޅުވެތިކަން ރަސްމީކޮށް ގަބޫލުކޮށްފައިވާކަން ހާމަވާކަމެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އަނިޔާވެރިކަމާއި ބޭއިންސާފަކީ އަދާލަތު ޕާޓީން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އަދާލަތު ޕާޓީން އެދެނީ އަލީ ވަހީދާއި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން ކަމަށް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، އަލީވަހީދު ޖަލަށްލައި، އަދި މިހާރު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ސަރުކާރާ ދެކޮޅަށް މޭޑޭގައި އެހާގިނަ ރައްޔިތުން އަޑުއުފުލުމަށް ނެރުއްވުމުގައި އަލީ ވަހީދު އަދާކުރެއްވި އިސް ދައުރުގެ ސަބަބުން ސަރުކާރު ޖެހިލުންވެ، ކަންބޮޑުވުމުން ކަމަށެވެ.

އެމްޑީޕީން ބުނީ ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސިޔާސީ ލީޑަރުންގެ މައްޗަށް އެފަދަ ދައުވާތަކާއި ހުކުމްތައް ތަކުރާރުކޮށް ކުރަމުންދާތީ ރާއްޖޭގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން އެކަން އިންތިހާއަށް ކުށްވެރި ކުރަމުންދާކަން ފާހަގަކުރާ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން އެކަންކަން އެގޮތަށް ކުރަމުންދަނީ ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުން ދެކެ ޖެހިލުންވެ، ގޮތްހުސްވެ ދިއުމުގެ ސަބަބުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް