ދުވެލިވެސް މަތައެއް ނުވޭ!
ފުރާނައަށް ރައްކަލެއް ވެސް ނެތް؟

"ދުވެލި މަޑު ކުރޭ، ފުރާނަ ސަލާމަތް ކުރޭ!" މި ނަމުގައި ފުލުހުން ކެމްޕެއިނެއް ފަށައިގެން އުޅޭތާ މިއަދަށް ހަ މަހާއި ހަ ދުވަސް ވީއެވެ. ކެމްޕޭނަކަށް ބަލާއިރު އެއީ ލައްކަ ދުވަހެވެ؛ ސުވާލަކީ މި ކެމްޕޭނުން މިހާތަނަށް ކުރީ ކޮން ފައިދާ ހެއްޔެވެ. ބާރު ދުއްވުންތައް މަތަ ކުރެވުނު ހެއްޔެވެ؟ މި ކެމްޕޭންގެ ސަބަބުން ކިތައް މީހުން ނުރައްކަލުން ސަލާމަތް ކުރެވިއްޖެބާވަ އެވެ؟ މި ސުވާލުތަކަށް ޖަވާބު ދެވޭނީ ވެސް ފުލުހުނާއި އެ އިދާރާގެ ތަފާސްހިސާބު ތަކުންނެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް 761 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ ފުލުހުން ޖަހައިދޭ ހިސާބެވެ. މި އެކްސިޑެންޓްތަކުގެ ތެރެއިން ވެސް ގިނަ އެކްސިޑެންޓް ތައް ހިނގާފައި ވަނީ ދުއްވަން އޮންނަ ވަރަށް ވުރެ ބާރަށް ދުއްވައިގެންނެވެ. އެއް ގޮތަކަށް ވެސް ދުވެލި މަތަ ނުވާ ވަރަށް ދުއްވައިގެނެވެ. އަދި މީގެ ތެރެއިން ގިނަ އެކްސިޑެންޓްތަކަކަކީ ސައިކަލް އެކްސިޑެންޓް ތަކެވެ.

ބާރު ދުއްވުންތައް މައިތިރިކޮށް، ދުވެލި މަތަ ކުރުމަށް ތަފާތު ޕޯސްޓަރުތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުން ހަރުކުރި އެވެ. ފޯރީގައި ކެމްޕޭން ފަށައިގަތެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭ ދުވެލި މަތަ ނުވެގެން ހިނގި އެކްސިޑެންޓްތަކުގައި 35 މީހަކު މަރުވެފައިވާ ކަމުގެ އިންޒާރު ދެމުންނެވެ. އެހެން ކަމުން ފުލުހުން ފެށި މި ހާއްސަ ކެމްޕޭނުގައި އެކްސިޑެންތައް މަދުވަންޏާވާނެ މިހާރު އޮންނަން ވާނީ ނަތީޖާއެއް ހާސިލު ކުރެވިފައި ކަމަށް ބުނާ މީހުން ގިނަ ވާނެ އެވެ. އެކަމަކު މިދިއަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކެމްޕޭން ފެށި ހިސާބުން ފެށިގެން މާ ބޮޑު ހަރަކާތެއް ފެނިފައެއް ނުވެއެވެ.

"ކެމްޕެއިނާ ގުޅިގެން މިހާރު ވެސް ދިރާސާތަކެއް އަންނަނީ ކުރަމުން. އެހެންވީމާ އެކަމުން ނުކުތް ނަތީޖާ އެނގޭނީ ކެމްޕެއިން ނިމުމުން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ކެމްޕޭނުގެ ނަތީޖާއާ ބެހޭ ގޮތުން އާންމުންނަށް އެނގޭނީ ފުލުހުން ބުނާ އެއްޗެކެވެ. އެކަމަކު އާންމުންގެ ލޯމަތީ ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކެއް މަދެއް ނުވެ އެވެ. އެކްސިޑެންޓްތަކުގައި މީހުން ޒަހަމްވާ މިންވަރު ހުރީ ހަމަ ކުރިއެކޭ ވެސް އެއް ރޭޓެއްގަ އެވެ.

ފުލުހުންގެ "ދުވެލި މަޑު ކުރޭ، ފުރާނަ ސަލާމަތް ކުރޭ!" ކެމްޕެއިން މިއަހަރުގެ ނިޔަލަށް ނިމިގެން މޮޅު ރިޕޯޓެއް ނެރޭނެ އެވެ. ނަތީޖާ ވެސް އެހާ ރީތިވާނެ އެވެ. އެ ރިޕޯޓް ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް މަތަނުވާ ވަރަށް ދުއްވާ ދުއްވުންތަކުގައި ބުރެކި ޖެހިފައި ވެއެކޭ އަދިއެއް ނުބުނެވޭނެ އެވެ.

މި އަހަރުގެ މިހާތަނަށް ހިނގާފައި ހުރި ބޮޑެތި އެކްސިޑެންޓް ތަކުގައި އެކަކު މަރުވެފައިވާއިރު އެތައް ބަޔަކަށް ވަނީ ސީރިއަސް ބޮޑެތި ޒަޚަމްތައް ވެފަ އެވެ. ހަމަ އެކަނި ސަން އިން ރިޕޯޓްކޮށްފައިވާ އެކްސިޑެންޓްތަކާބެހޭ ހަބަރުތަކަށް އެކަނި ބަލައިިލިއަސް އެކަން އެނގެ އެވެ.

އެކްސިޑެންޓްތަކުގައި ބައެއް މީހުން ނުކުޅެދޭ ހާލަތަށް ބަދަލުވާއިރު ފަހަކަށް އައިސް ހިނގާ ބޮޑެތި އެކްސިޑެންޓް ތަކުގެ 80 ޕަސެންޓް އެކްސިޑެންޓް ހިނގާފައި ވަނީ ދުއްވަން ވާރަށް ވުރެ ބާރަށް ދުއްވައިގެނެވެ. މި ވާހަކަށް ވެސް ބުނަނީ ފުލުހުނެވެ.

މާލެ އެކޭ އެއްގޮތަށް އެންމެ ބޮޑެތި އެކްސިޑެންޓް ތައް ހިނގާ އައްޑޫ ސިޓީގައި ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ދުއްވަން ކަނޑައަޅާފައި އޮންނަ ވަރަށް ވުރެ ބާރަށް ދުއްވުމުގެ މައްސަލަ އެވެ. ގިނަ ރަށްތަކެއް ގުޅިފައިވާ ލ. އަތޮޅުގައި ވެސް ނުކުމެފައިވާ ބޮޑު އެއް ނުރައްކަލަކީ ދުވެލި މަތަ ނުވެގެން ދުއްވާ މީހުން ގިނަވެ އެކްސިޑެންޓަތައް ދިމާވުމުގެ މައްސަލަ އެވެ.

"ފަހަކަށް އައިސް އައްޑޫ ގައި ހިނގާފައި ހުރި ބޮޑެތި ހުރިހާ އެކްސިޑެންޓެއް ހިނގާފައި މިހުރީ ލިންކު ރޯޑުގައި. ބާރަށް ދުއްވައިގެން ނޫނީ އޯވަޓޭކް ކުރަން ހަދައިގެން،" އައްޑޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ލިންކްރޯޑުގައި ބައެއް ހިސާބުތަކުގައި ދުއްވާ އިރު ހެލްމެޓާއި ބެލްޓު އަޅައިގެން ދުއްވަން އޮންނަނީ ހަމަޖައްސާފަ އެވެ. ބައެއް ފަރާތްތަކުން ހެލްމެެޓް އެޅި ނަމަވެސް ވަރަށް ގިނަ ފަރާތްތަކަކީ ގަވައިދާ ހިލާފުވާ ފަރާތްތަކެވެ.
ހަމައެއާއެކު ރޭގަނޑު ދަންވަރު ގިނަ އަނދަދެއްގެ ޒުވާނުން ރޭސް ޖަހަން ނުކުންނަ މާލޭގެ މަގުތަކުގެ ހާލަތު ވަރަށް ރަނގަޅަށް މީހުންނަށް ފެންނާނެ އެވެ. މިއީ އަދި ވެރިކަން ކުރާ މާލޭގެ މަގުތަކުގެ ހާލެވެ. ހުޅުމާލެ އާއި އައްޑު އާއި ލ. އަތޮޅުގެ ހާލަތު އަދި ކޮބައި ހެއްޔެވެ؟

"ލިންކްރޯޑްގެ ބައެއް ސަރަހައްދުތައް މަރާމާތައް ބޭނުން ވެފައިވާ ކަމަށާއި އަދި އެކަމަށް އަވަސް ހައްލެއް ނުލިބޭނަމަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން ގާތް،" އައްޑޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ނުރައްކާތެރި ބަލިތަކުގެ ސަބަބުން ޒުވާން އުމުރުގެ މީހުން މަރުވާ ވަރަށް ވުރެ ގިނައިން މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގައި އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުން މަރުވާ މިންވަރު އިތުރެވެ. ވެރިރަށް މާލޭގެ މާހައުލަށް އެކަނި ބަލައިލިއަސް އަށް ބާރު ލިބެ އެވެ. ހުރިހާ ގޮތަކުން "ގުޅަވަރަކަށް" ވެފައިވާ މާލޭގައި ދުއްވާ އެއްޗެހި އެތެރެ ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު ބާރު ދުއްވުންތައް ވެސް ދަނީ ގިނަވަމުންނެވެ. އެކްސިޑެންޓް ތައް ވެސް ދަނީ ގިނަވަމުންނެވެ. މާލެއަށް މަހަކު 300 ވެހިކަލް އިތުރުވާއިރު ހިނގާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ރޭޓް ވެސް ދަނީ އުފުލެމުންނެވެ. ދުވެލިވެސް މަތައެއް ނުވެ އެވެ. ފުރާނައަށް ވެސް ރައްކަލެއް ނެތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް