ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަން ފުވައްމުލަކުގައި ބާއްވަނީ

މިއަހަރު ބޭއްވީ ވީއޭއެމް ކަަޕްގެ ޗެމްޕިއަން ޕޮލިސް ކުލަބް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަން އަންނަ އަހަރު ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވަމުންއައި ވީއޭއެމް ކަޕް އަންނަ އަހަރު ފުވައްމުލަކުގައި ބާއްވަން ނިންމި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު 'ސަން' އަށް ވިދާޅުވީ، އެ ރަށަކީ ވޯލީ ބޯޅައިގެ ފޯރި ވަރަށް ގަދަ ރަށެއް ކަމަށާއި އެ ފޯރި އިތުރަށް ގަދަ ކުރުމަކީ ވޮލީއަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.

"މިހާރު ވެސް ފުވައްމުލަކުގައި ވަރަށް ވަރުގަދަ މުބާރާތެއް ކުރިއަށް އެބަދޭ. އަންހެން އަދި ފިރިހެން ދެ ޑިވިޝަނުން ގިނަ ޓީމްތަކެއް ވެސް އެ މުބާރާތުގައި ބައިވެރިވޭ،" ފުވައްމުލަކުގައި ހުންނަވައިގެން ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ވޮލީގެ ގިނަ މުބާރާތްތަކެއް މިހާރު ވެސް ބާއްވަމުން ދަނީ މާލޭގައި ކަމަށާއި ވީއޭއެމްގެ އަމާޒަކީ މުޅި ރާއްޖޭގައި ވެސް ވޮލީގެ ބޮޑެތި މުބާރާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.

"އަންނަ އަހަރުގެ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނާ އެކު ވޮލީގެ ފޯރި ހުންނަ ގޮތަކުން އެހެން މުބާރާތްތަށް ވެސް ރާއްޖޭގެ އެކި ދިމަދިމާލަށް ބާހަލަން ވިސްނަމުން މިދަނީ. އެހެން ހެދުމުން މުޅި ރާއްޖޭގައި ވެސް ވޮލީގެ ފޯރި ގަދަވެގެން ދާނެ،" ލަތީފު ވިދާޅުވިއެވެ.

މިއަހަރުގެ ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމެއް ކުޅެފައިވާއިރު ޗެމްޕިއަން ކަން ހޯދީ ޕޮލިސް ކުލަބެވެ. ޕޮލިސް ކުލަބުން ވަނީ އެ މުބާރާތް ނުވަ ފަހަރު ކާމިޔާބްކޮށްފައެވެ.

"އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ މުބާރާތުގައި ފުވައްމުލަކުން އެކަނި ވެސް ފަސް ޓީމެއް ބައިވެރިވާނެ ކަމަށް،" ލަތީފު ވިދާޅުވިއެވެ.

comment ކޮމެންޓް