ތެޔޮ ހޮޅިއެއް އެޅުމާ ދެކޮޅަށް މުޒާހަރާކޮށްގެން ފިލްމީ ތަރި ޝެއިލީން ވުޑްލީ ހައްޔަރުކޮށްފި

އިއްޔެ އޮތް މުޒާހަރާއިން ޝެއިލީން ވުޑްލީ ހައްޔަރުކުރަނީ -- ފޮޓޯ/ އޭޕީ

އެމެރިކާގެ ހަތަރު ސްޓޭޓެއް ހުރަސް ވާ ގޮތަށް އަޅާ ތެޔޮ ހޮޅިއަކާ ދެކޮޅަށް، އެގައުމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފިލްމީ ތަރި އަދި ތިމާވެށި އެކްޓިވިސްޓް ޝެއިލީން ވުޑްލީ ހައްޔަރުކޮށްފިއެވެ.

ގިނަ ބައެއްގެ ހިތްތައް އަތުލި ފިލްމު "ދަ ފޯލްޓް އިން އަވަރ ސްޓާޒް"ގެ ލީޑު ރޯލާއި، "ޑައިވާޖަންޓް" ސީރީޒްގެ ފިލްމުތަކާއި، އެޑްވަޑް ސްނޯޑެންއާ ބެހޭގޮތުން އުފައްދާފައިވާ ފިލްމު "ސްނޯޑެން"ގެ އިތުރުން، މަޝްހޫރު ޓީވީ ސީރީޒް "ސީކްރެޓް ލައިފް އޮފް އެން އެމެރިކަން ޓީނޭޖާ"ގައި ލީޑު ރޯލުން ފެނިފައިވާ ޝެއިލީން ވުޑްލީ ހައްޔަރުކުރީ، އެމެރިކާގެ ނޯޓު ޑަކޯޓާ ސްޓޭޓުގައި އެ ތެޔޮ ހޮޅި އަޅަމުން ދިޔަ ސަރަހައްދުގައި ކުރަމުން ދިޔަ މުޒާހަރާއެއް ފޭސްބުކްގައި ވަގުތުން ބްރޯޑްކާސްޓު ކުރަމުން ދަނިކޮށެވެ.

ނޯތު ޑަކޯޓާ ސްޓޭޓުގައި ދިރިއުޅޭ، އެމެރިކާގެ ގަބީލާތަކުގެ މީހުން ބުނާ ގޮތުން، މި ތެޔޮ ހޮޅި އެޅުމުން އެސަރަހައްދުގައި ހުންނަ، އެމީހުންގެ އަގީދާއާ ގުޅިފައިވާ، ތާރީޚީ ބައެއް ތަންތަނާއި ތަރިކައިގެ އިތުރުން އެސަރަހައްދުގެ ތިމާވެށި ހަލާކުވެގެން ދާނެއެވެ.

އެނާޖީ ޓްރާންސްޕޯޓު ޕާޓްނާސް ކިޔާ ކުންފުންޏަކުން 3.7 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން އަޅާ މި ތެޔޮ ހޮޅިއަކީ ނޯތު ޑަކޯޓާގެ އިތުރުން ސައުތު ޑަކޯޓާ، އިލިނޮއި އަދި އަޔޯވާ ސްޓޭޓު ހުރަސް ކުރާ، 1،168 މޭލުގެ ދިގު ހޮޅިއެކެވެ.

އިއްޔެ ކުރި މުޒާހަރާއިން ފިލްމީތަރި ޝެއިލީން ހައްޔަރުކުރި އިރު، އޭނާގެ އިތުރުން 26 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ޝެއިލީން ބުނީ އޭނާ ހައްޔަރުކުރީ، ސުލްހަވެރި މުޒާހަރާއެއްގައި ބައިވެރިވުމަށްފަހު، އޭނާގެ ކާރާ ދިމާލަށް ދަނިކޮށް، ހަތިޔާރު ހިފައިގެން ތިބި ފުލުހުންތަކެއް އައިސް ކަމަށެވެ.

"އެމީހުން އަހަރެންގެ ޖެކެޓުގައި ހިފައި ހުއްޓުވައި، ބުނީ ނުދެވޭނެއޭ. ބޮޑެތި ބަޑިއާއި މުގުރު ހިފައިގެން ތިބި މީހުންތަކެއް އެއީ،" އޭނާ ބުންޏެވެ.

ފުލުހުން ބުނާ ގޮތުން ޝެއިލީން ހައްޔަރުކުރީ ވަނުން މަނާ ސަރަހައްދަކަށް ވަދެ އުޅުމުންނެވެ.

ޝެއިލީން ހައްޔަރުކުރި ވަގުތު ވެސް އޭނާ ދިޔައީ ފޭސްބުކުން އެމަންޒަރުތައް ބްރޯޑްކާސްޓް ކުރަމުންނެވެ.

comment ކޮމެންޓް