"ފަސޭހަ މަގު" އެޕް، ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭ ގޮތް ހަދައިފި

ފަސޭހަ މަގު އެޕް ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭ ގޮތް ހަމަޖެއްސުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިންގް މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަން "ފަސޭހަ މަގު"، ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހައުސިންގް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ހައުސިންގް މިނިސްޓްރީއާއި ދިރާގާ ދެމެދު މިކަމާ ގުޅޭ އެއްބަސްވުމެއް ވަނީ އެކުލަވާލައިފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

މިގޮތަށް ހަމަޖެހިގެން ދިއުމާ އެކު، ދިރާގުގެ މޯބައިލް އިންޓަނެޓު މެދުވެރިކޮށް "ފަސޭހަ މަގު" އެޕްލިކޭޝަން ބޭނުން ކުރުމަށް އެއްވެސް ޗާޖެއް ނުކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، މިނިސްޓްރީން ކުރިޔަށް ގެންދާ ކަންކަމަށް، ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކުންފުނިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ސަލްޓަން ޕާކުގައި ހަދާ ޕާކުގައި އޮންނަ ފައުންޓަން ބްރިޖު، ދިރާގުން ސްޕޮންސާ ކޮށްދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، "ފަސޭހަ މަގު" އެޕްލިކޭޝަނަކީ ވަރަށް މައުލޫމާތު މުއްސަނދި އެޕްލިކޭޝަނެއް ކަމަށާއި، ދިރާގު ކަސްޓަމަރުންނަށް އެ އެޕްލިކޭޝަން ހިލޭ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ފުރުސަތު ދިރާގަށް ލިބުމަކީ އުފަލެއް ކަމަށެވެ.

ފަސޭހަ މަގު މޮބައިލް އެޕް ޑިޒައިންކޮށް ޑިވެލޮޕްކޮށްފައި ވަނީ މޮބައިލް އެޕްލިކޭޝަންސް އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ތަފާތު ހިދުމަތްތަކަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ކްރޮންޓަސްގެ ފަރާތުންންނެވެ.

އެ އެޕްގައި ހިމެނޭ ޚާއްސަ ފީޗާތަކުގެ ތެރޭގައި، މާލޭގައި ބަންދު ކުރެވޭ މަގުތައް، މާލޭގެ މެޕަކުން ދައްކައިދެއެވެ. އެޕްގެ ޑިވެލޮޕާ އަހުމަދު ނަދީމް ވިދާޅުވި ގޮތުގައި، މަގެއް ބަންދު ކުރުމުގެ ހުއްދައަށް އެދި ހައުސިންގް މިނިސްޓްރީއަށް ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތުން ފެށިގެން، މަގު ބަންދު ކުރާނެ މައުލޫމާތު އެޕުން ދައްކާނެއެވެ.

މީގެ އިތުރުން އެ އެޕުން އެންމެ ޚާއްސަކޮށް ފާހަގަކޮށްލެވޭ ފީޗާއަކީ ޝަކުވާ ހުށަހެޅުމުގެ ފީޗާ އެވެ. މަގުމަތީގައި މީހުން ކުރާ ގަވައިދާ ޚިލާފު ކަންކަން، އެޕް މެދުވެރިކޮށް ފޮޓޯއާ އެކު ރިޕޯޓު ކޮށްލެވެއެވެ.

އެގޮތުން، މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ކުންޏާއި، ފިހާރަތަކަށް ގެނެސް، މަގުމަތީގެ ދުވާރު މަތީގައި ބަހައްޓާފައިވާ މުދާ ފަދަ ތަކެތީގެ ޝަކުވާ ހުށެހެޅޭނެއެވެ.

ޝަކުވާގެ އިތުރުން، ހައުސިންގް މިނިސްޓްރީއަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެ ފީޗާގެ ދަށުން ލިބޭނެއެވެ.

ފާހަގަ ކޮށްލެވޭ އެހެން ފީޗާތަކުގެ ތެރޭގައި، ހައުސިންގް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ބަލައިލުމާއި، މަގުމަތީގައި ބަހައްޓާ ބޯޑުތަކާ ބެހޭ މައުލޫމާތާއި، ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތަށް ވެސް އެޕް މެދުވެރިކޮށް އެދެވޭނެއެވެ.

comment ކޮމެންޓް