ލެވަންޑޯސްކީގެ ހެޓްރިކާއެކު ޕޮލެންޑް މޮޅުވިއިރު ޖަރުމަނަށް ވެސް ފަސޭހަ މޮޅެއް

ރޭ ޖަރުމަނާ ޕޮލެންޑް ބައްދަލު ކުރި މެޗުގެ ތެރެއިން ---

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް "އީ"ގައި، ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާއެކު ޑެންމާކް އަތުން 3-2ގެ ނަތީޖާ އަކުން ޕޮލެންޑް މޮޅުވިއިރު، ގްރޫޕް "ސީ"ގައި ޗެކް ރިޕަބްލިކް އަތުން 3-0ގެ ނަތީޖާއަކުން ޖަރުމަނު މޮޅުވެއްޖެވެ.

ގްރޫޕް އީގައި ރޭ ޕޮލެންޑުގެ ތިން ގޯލު ވެސް ލެވަންޑޯސްކީގެ ފަރާތުން ފެނިގެންގޮސްފައި ވާއިރު، ޑެންމާކްގެ ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލަކީ ޕޮލެންޑްގެ ކަމިލް ގްލިކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑެންމާކްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޔޫސުފް ޕޯލްސެންއެވެ.

އެ ގުރޫޕްގައި ރޭ އަރުމޭނިއާ ވަނީ ރޫމޭނިއާގެ މައްޗަށް 5-0ގެ ނަތީޖާ އަކުން ކުރި ހޯދައިފައެވެ. އަދި މޮންޓިނީގްރޯ ވަނީ 5-0ގެ ނަތީޖާ އަކުން ކަޒަކިސްތާން އަތުން މޮޅުވެފައެވެ.

ރޭގެ މެޗުތަކަށް ފަހު އެ ގްރޫޕްގެ އެންމެ ކުރީގައި އޮތް ތިން ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ގޯލުގެ ތަފާތުން އެއްވަނަ މޮންޓިނީގްރޯއަށް ލިބޭއިރު ދެވަނަ ލިބެނީ ރޫމޭނިއާ އަށެވެ. ތިން ވަނައިގައި އޮތީ ޕޮލެންޑެވެ. ޑެންމާކު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގައެވެ. އެއް ޕޮއިންޓާއެކު ކަޒަކިސްތާން ފަސް ވަނައިގައި އޮތް އިރު، ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އަރްމީނިއާއެވެ.

ގްރޫޕް ސީގައި ޖަރުމަނުން ޗެކް ރިޕަބްލިކްގެ ކޮޅަށް ތިން ގޯލު ޖެހިއިރު އެޓީމުގެ ދެ ގޯލު ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ. އަނެއް ގޯލު ކާމިޔާބު ކޮށްދިނީ ޓޮނީ ކްރޫސްއެވެ.

އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް ދެ މެޗަށް ބަލައިލާއިރު އަޒަރުބައިޖާން ވަނީ 1-0ގެ ނަތީޖާ އަކުން ނޯވޭ ބަލިކޮށްފައެވެ. ނޮދާން އަޔަލެންޑް ވަނީ 4-0ގެ ނަތީޖާ އަކުން ސެން މަރީނޯ ބަލިކޮށްފައެވެ.

އެ ނަތީޖާތަކަށް ފަހު ގްރޫޕް ސީގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު ޖަރުމަނު އޮތްއިރު ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ އަޒަރުބައިޖާނެވެ. ތިން ވަނައިގައި އޮތީ ނޮދާން އަޔަލޭންޑެވެ. އެއް ޕޮއިންޓާއެކު ޗެކް ރިޕަބްލިކް ހަތަރު ވަނައިގައި އޮތް އިރު، ގްރޫޕުގެ ފުލުގައި އޮތް ނޯވޭ އަދި ސެން މަރީނޯއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

comment ކޮމެންޓް