އެމްޑީޕީން އެމެރިކާގެ ލޮބީސްޓެއްގެ އެހީ ހޯދި: ވިކިލީކްސް

އެމެރިކާގެ ލޮބީސްޓް ޗާލްސް ބްލެކް --

އެމެރިކާގެ ކުރީގެ ދެ ރައީސުންގެ ރިޔާސީ ކެމްޕޭނުގައި މަސައްކަތް ކޮށްފައިވާ، އެގައުމުގެ ރިޕަބްލިކަން ޕާޓީގެ ޕޮލިޓިކަލް ސްޓްރެޓަޖިސްޓެއްގެ އެހީތެރިކަން އެމްޑީޕީން ހޯދިކަމަށް ބުނާ ލިޔުމެއް ވިކިލީކްސްއިން އާންމުކޮށްފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ތިން ރިޔާސީ ކެމްޕޭނަކާއި، އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ އިންތިޚާބު ކެމްޕޭނުގައި ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި ލޮބީއިސްޓް ޗާލްސް ބްލެކްގެ އެހީތެރިކަން އެމްޑީޕީއިން ހޯދިކަމަށް އެ ލިޔުމުގައި ބުނެއެވެ.

ޗާލްސް ބްލެކްއަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޯން މެކްކެއިންގެ ކެމްޕޭން އެޑްވައިޒަރުކަމާއި، 2012 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި މިޓް ރޮމްނީގެ ކެމްޕޭން އެޑްވައިޒަރުކަން ކޮށްފައިވާ މީހެކެވެ. އޭނާ މިހާރު ގެންދަނީ "ޕްރައިމް ޕޮލިސީ ގްރޫޕު" ނަމަކަށް ކިޔާ ޕަބްލިކް އެފެއާސް ކުންފުންޏެއްގެ ޗެއާމަނެވެ.

ވިކިލީކްސްއިން އާންމުކޮށްފައިވާ ލިޔެކިޔުމަކީ، ޗާލްސް ބްލެކްއާއި އިތުރު ލޮބީއިސްޓުން ފުރާފައިވާ ސުވާލު ކަރުދާހަކަށް ދީފައިވާ ޖަވާބުތަކެކެވެ.

ބައިނަލްއަގުވާމީ މުޖުތަމައު ރުއްސުމަށްޓަކައި ޗާލްސް ބްލެކް ލޮބީކޮށްދީފައިވާ، ގިނަ ގައުމުތަކެއްގެ ސަރުކާރާއި ސިޔާސީ އެކި ފަރާތްތަކުގެ ލިސްޓެއް އެ ކަރުދާހުގައި އޭނާ ލިސްޓު ކޮށްފައިވެއެވެ.

އޭގެ ތެރޭގައި އެމްޑީޕީވެސް ހިމަނާފައިވެއެވެ.

އެމްޑީޕީގެ އިތުރުން، ބަހާމަސް، ބާބަޑޮސް، ބާމިއުޑާ، ސައިޕްރަސް، ޖިބޫޓީ، ގްރީސް، ހެއިޓީ، ކެންޔާ، ނައިޖީރިއާ، ޕެޜޫ، ސޮމާލިއާ، ތައިލެންޑް، އިކުއަޓޯރިއަލް ގިނީ އަދި ޓޯގޯ ފަދަ ގައުމުތަކުގެ ސަރުކާރުތަކަށް ބްލެކް ވަނީ ލޮބީ ކޮށްދީފައެވެ.

އެމްޑީޕީއަށް ޗާލްސް ބްލެކް ލޮބީ ކޮށްދިންކަމަށް ވިކިލީކްސްގެ ލިޔުމުގައި އޮތް ނަމަވެސް، އެއީ ކޮން އިރަކު، ކޮން މައްސަލައެއްގައި ކޮށްދިން މަސައްކަތެއް ކަމެއް ލިޔުންތަކުން ނޭނގެއެވެ. އަދި އެއީ ކިހާ ވަރެއްގެ ފައިސާއަކަށް ކަމެއް ވެސް ނޭނގެއެވެ.

comment ކޮމެންޓް