ގޯލްޑަން ފުޓްސަލް ޗެލެންޖް ކަޕްގައި 50 ޓީމު

ގޯލްޑަން ފުޓްސަލް ޗެލެންޖް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތުގެ ފުރަތަމަ ބުރަކީ އަތޮޅުތައް ނުވަތަ މާލޭގެ އަވަށްތަކުގެ މެދުގައި ކުޅެވޭ ބުރެއް --- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަޕްގައި ޖުމްލަ 50 ޓީމު ބައިވެރިވެއްޖެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި މާލޭ ސިޓީގެ އަވަށްތަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަޕްގެ ގުރުނެގުން އެފްއޭއެމް ހައުސްގައި ރޭ ބާއްވާފައިވެ އެވެ.

މި މަހުގެ 18 ވަނަ ދުވަހު އެ މުބާރާތް ފެށިގެންދާނީ ހދ. އަދި ރ. އަތޮޅުގެ މެޗުތަކުންނެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ހދ. ނައިވަދުއާއި ހދ. ކުމުންދޫ ބައްދަލުކުރާ އިރު، ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ހދ. ހަނިމާދުއާއި ހދ. ނެއްލައިދޫ އެވެ. ތިން ވަނަ މެޗުގައި ރ. އުނގޫފާރާއި ރ. އިނގުރައިދޫ ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ރ. މީދުއާއި ރ. މަޑުއްވަރީ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތުގެ ފުރަތަމަ ބުރަކީ އަތޮޅުތައް ނުވަތަ މާލޭގެ އަވަށްތަކުގެ މެދުގައި ކުޅެވޭ ބުރެއް --- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އެ މުބާރާތުގެ ފުރަތަމަ ބުރުން ކޮންމެ އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޒޯން ބުރުން ޖާގަ ލިބޭނެ އެވެ. ފުރަތަމަ ބުރު ކުރިއަށްދާނީ އަތޮޅުތައް ނުވަތަ މާލޭގެ އަވަށްތަކުގެ މެދުގައެވެ. ފުރަތަމަ ބުރުން އެންމެ ކުރީގައި އޮންނަ ޓީމުތަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރަކީ ކޮންމެ އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން ދެ ޓީމަށްވުރެ ގިނައިން ވާދަކުރާ އަތޮޅު ނުވަތަ އަވަށްތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ، އެ ޓީމަކަށް ޒޯން ބުރުގެ ޖާގައެއް ލިބޭނެ އެވެ.

ޒޯން ބުރުގެ ޖާގަ މިހާރު ކަށަވަރުވެފައިވާ ޓީމުތަކަކީ ނ. ހޮޅުދުއާއި، ޅ. ހިންނަވަރާއި، އއ. އުކުޅަހާއި، އދ. މާމިގިއްޔާއި، ވ. ފުލިދުއާއި، މ. ދިއްގަރާއި، ދ. ކުޑަހުވަދުއާއި، ތ. ތިމަރަފުށްޓާއި، ޏ. ފުވައްމުލަކުގެ މިސްކިތްމަގު ޓީމު އަދި ހެންވޭރުގެ ރޮކްސްޓްރީޓް އެސްސީ އެވެ. އެ ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުން ފެށިގެންނެވެ.

އެ މުބާރާތުގެ ޒޯން ބުރަކީ އެ ޒޯނެއްގައި ހިމެނޭ ރަށްތަކުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އެ ބުރުން ޗެމްޕިއަންކަން ހޯދާ އަށް ޓީމަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ.

comment ކޮމެންޓް