ކާޑުގެ އަގު ހެޔޮކުރަން ގޮވާލައި އެތައް ރަށެއްގައި މުޒާހަރާކޮށްފި

ކާޑުގެ އަގު ހެޔޮކުރަން ގޮވާލައި ކުޅުދުއްފުށީގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ކުޅުދުއްފުށީ ލައިވް

ޒަމާނުންސުރެ ކާޑުން ދެމުން އައި ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކާޑުގެ ބާވަތްތަކުގެ އަގު ދެ ގުނައަށް ބޮޑުވުމުން ރާއްޖޭގެ އެތައް ރަށެއްގައި މުޒާހަރާކޮށްފިއެވެ.

މިއަދު ހަވީރުން ފެށިގެން އިރުއޮއްސެންދެއް ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ ރަށްތަކެއްގައިވަނީ ކާޑުގެ ސަބްސިޑީ ދިނުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.

އެމުޒާހަރާތަކުގެ ދެ ޖިންސުގެ އެކި އުމުރެ ފަރާތްތައް ބައިވެރިވެފައިވާއިރު އެފަރާތްތަކުން ވަނީ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރުމަށް ގޮވާލާފައެވެ. އަދި ކަރަންޓް ފަދަ އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުވުމާއި ކޮރަޕްޝަން އިތުރުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސަރުކާރުން ނިންމާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދިނުމަށެވެ. އެއާއެކު އާންމުކޮށް ކާޑުގެ ބާވަތްތައް ވިއްކާ އަގު ވަނީ ދެ ގުނައަށް ބޮޑުވެފައެވެ.

އެންސްޕާ މެދުވެރިކޮށް ކާޑުގެ ސަބްސިޑީ ދިނުމަށް ނިންމާފައިވާއިރު އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް 40 ރުފިޔާ އަދި ގޭބިސީއަކަށްނަމަ 240 ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް