''އަޒްޔާން!...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ޒައިނަބަށް ގޮވާލެވުނެވެ. މިހާރަކަށް އައިސް އަޒްޔާންގެ ފަރާތުން ފެންނަ ރުންކުރުކަމާއި ރުޅިވެރިކަމާ ހުރެ އޭނަ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކިތަންމެ ފަހަރަކު އަޒްޔާންއަށް ވިސްނައިދެވޭތޯ އޭނަ މަސައްކަތްކޮށްފިއެވެ. ބަތޫލްއަށް ހަޤީޤަތް ހާމަކުރުމަށް ތަކުރާރުކޮށް އެދެފިއެވެ. ނަމަވެސް އެއިން ކޮންމެ ނަސޭހަތެއް ނިމިގެންދަނީ އަރައިރުންވުމާއި ޒުވާބުގެ ތެރެއިންނެވެ. ޒައިނަބުގެ ހިތުގައި ބިރުވެރިކަން ވަނީ އަޒްޔާން ނުބައި މަގެއް ހިޔާރުކޮށްފާނެތީއެވެ. އެފަދައިން ކަންތައް ވާކަށް އޭނަގެ ހިތެއް ދުވަހަކު ވެސް ނޭދޭއެވެ. އަޒްޔާންއަށް ފާގަތި މުސްތަޤުބަލެއް ހޯދައިދޭން އޭނަ ވަނީ ބޮޑެތި ޤުރުބާނީތަކެއް ވެފައެވެ. އަލުން މާޒީގެ ހިޔަނީގެ ހިލަމެއް ވެސް ވާކަށް އޭނަ ނޭދެއެވެ.

''އަހަރެން މިއައީ ބަތޫލް ފޮނުވައިގެނެއް ނޫން...'' ޖަނާ ބުނެލިއެވެ. އެއާއެކު އަޒްޔާން ހައިރާންކަމާއެކު ޖަނާއަށް ބަލާލިއެވެ. ޖަނާ އެތަނަށް އައި މަޤުސަދު އޮޅިފައިވާ ފަދައަކުންނެވެ.

''ވަޓް ދަ ހެލް ޑޫ ޔޫ ވޯންޓް؟...'' ބުމަ ގޮށްޖަހާލަމުން އަޒްޔާން އަހާލިއެވެ. އޭނަ އޭރު ހުރީ ޖަނާއަށް ކުރިމަތިލައިގެންނެވެ.

''އަހަންނަށް އެނގޭ އެރޭ އަޒްޔާން ނައީ ކޮންމެވެސް ކަމެއް ދިމާވެގެން ކަން... މިހާރު އެކަމާމެދު އަހަރެންގެ ހިތުގައި ޝައްކު އުފެދެން ފަށައިފި......'' ޖަނާ ވާހަކަދައްކަމުން ދަނިކޮށް ހުއްޓާލަން މަޖުބޫރުވީ އަޒްޔާން އޭނައަށް ހުރަސް އެޅުމުންނެވެ.

''މިތާ ހަމަނުޖެހުންގަނޑެއް އުފައްދަން ނޫޅެ ދިޔައްޔާ ރަގަޅުވާނީ...'' ކުރިއަށް ފިޔަވަޅެއް އަޅާލަމުން އަޒްޔާން ވާހަކަދެއްކިއެވެ. އެއަޑުގައިވި ހަރުކަށިކަމާއި ރުޅިވެރިކަމުން ޖަނާއަށް އިންޒާރުތަކެއް ދޭން އުޅޭ ކަހަލައެވެ. ''އަހަރެން ނައީ އެކައިވެނި ކުރަން ބޭނުން ނުވާތީ... އަޑުއިވިއްޖެތަ؟... ދެން އިތުރަށް އެއްވެސް އެއްޗެއް ޔަޤީންކޮށްދޭކަށް ނުޖެހޭނެ!...''

''ކޮންދުވަހަކުތަ އަޒްޔާން ތިހާ ހިތްނުބައި މީހަކަށް ބަދަލުވީ؟... އަމިއްލަ އެދުން އިސްކުރަން ފެށީ؟... ކޮންމެ ސަބަބަކާ ލައިގެން އަޒްޔާން އެޑިޒިޝަން ނެގިކަމުގައި ވިޔަސް އެއްފަހަރު ވެސް ބަތޫލްއާ މެދު ވިސްނާނުލަންތަ؟، ބަތޫލްއަށް އަދިވެސް އެކަންތައް ހަނދާންނައްތާލުން ފަސޭހަކަމަކަށްނުވޭ... އަހަރެން ހީކުރީ އަޒްޔާން އެހާ ވަރުން ބަތޫލްއާއެކު އުޅުނުއިރު ބަތޫލްގެ އުފަލަށް އިސްކަންދޭނެކަމަށް، ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެކުގައިވާން މަސައްކަތްކުރާނެ ކަމަށް، އެކަމަކު މިހާރު ޔަޤީންވެއްޖެ އަޒްޔާން ތީ ފަސޭހައިން ބަލި ޤަބޫލުކުރާ މީހެއް ކަމަށް...'' ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ޖަނާ ގަސްދެއް ނުކުރިއެވެ. އޭނަ ހުރީ އަޒުމެއްގެ މަތީގައެވެ. އަޒްޔާންގެ މޫނަށް ވެރިވާން ފެށި ޝުއޫރުތައް ފަރުވާތެރިކަމާއެކު އޭނަ ދިރާސާކުރިއެވެ. ފަހަރެއްގައި އެއިން އޭނަގެ ޝައްކުތައް ޔަޤީނަށް ބަދަލުކުރުމުގައި މަދަދުވެރިކަން ފޯރުކޮށްދެވިދާނެތީއެވެ.

''އައި ޑޯންޓް ވޯން ޓު ވޭސްޓް މައި ޓައިމް ވިތް ޔޫ...'' އިރުކޮޅަކަށް ހިމޭންވެގެން ދިޔަ އަޒްޔާން އަވަސްވެގަތީ ކާރެއް ހުއްޓުވުމަށެވެ. ގަޑީގެ ގޮތުންނާއި މީހުންތައް ގިނަކަމުން އެކަން ފަސޭހަކަމަކަށް ނުވިއެވެ. އެކަމާ ހުރެ އޭނަގެ ރުޅިވެރިކަން ހައްތާ ގަދަވުން ނޫންކަމެއް ނުވިއެވެ.

''ދައްތާ، ކިހިނެއްތަ ހާލު؟، މިހާރު ހަކުރުގެ ކަންތައް ރަގަޅުތަ؟...'' އޯގާތެރި ހިނިތުންވުމަކާއެކު ޖަނާ ޒައިނަބާ ސުވާލުކޮށްލިއެވެ.

''ހައްލެއް ނުވޭ... އެކަމާ ހުރެ އަނެއްކާ ވެސް ޑޮކްޓަރަށް ދައްކައިގެން މިދަނީ...'' ޒައިނަބު ވެސް ހިނިތުންވެލަމުން ޖަވާބު ދިނެވެ.

''ދާން ނޭގިފަ ތިހުންނަނީ ކީއްވެ؟...'' ޖަނާ ޒައިނަބާ ވާހަކަދައްކަން ފެށުމާއެކު އެކަމާ އަޒްޔާން ހިތްހަމައެއް ނުޖެހުނެވެ. ފަސްއެނބުރި ޖަނާއަށް ބަލާލަމުން އޭނަ ދެލޯ ހަނިކޮށްލިއެވެ. އަޒްޔާންގެ އަމަލުތައް ހުރިގޮތުން ބަތޫލްއާ ގުޅުމެއް އޮންނަ މީހަކާ ވެސް ވާހަކަދައްކަން އޭނަ ބޭނުންނުވާ ކަހަލައެވެ.

އަޒްޔާންގެ އަތުގައި ނަސީބު ހިފީ އެވަގުތުގައެވެ. ކާރެއް ލިބުމާއެކު ކާރަށް އަރަން ޒައިނަބަށް އޭނަ އެހީވެދިނެވެ. އެއަށްފަހު އޭނަ ވެސް ކާރުގެ ތެރެއަށް ދެމިގަންނަން އުޅުނެވެ. ނަމަވެސް އޭނައަށް ހުއްޓެވުނީ ޖަނާ ބުނެލި ޖުމްލައިގެ ސަބަބުންނެވެ.

''އަޒްޔާންއަށް މީހަކު މަޖުބޫރުކުރީތަ؟...'' ޖަނާ އެންމެފަހުން އޭނަގެ ހިތުގައިވި ސުވާލު ފެންމަތިކޮށްލި އެވެ.

އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒްޔާން ކާރުގެ ދޮރުފަތް ލައްޕާލިއެވެ. އެވަގުތު އެމޫނު މައްޗަށް އަރާފައިވި ހައިރާންކަމާއި ސިހުމުގެ ކުލަވަރުތައް ޖަނާއަށް ރީއްޗަށް ފާހަގަ ކުރެވުނެވެ. ކާރު ލޮލުގެ ކޮޅަށް ގޮސް ގެއްލެންދެން ބަލަހައްޓައިގެން އޭނައަށް ހުރެވުނެވެ. އޭރު ތަފާތު ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުނިޖެހެމުން ދިޔަ އެވެ. އެއާއެކު އޭނައަށް ދުރު ހަނދާންތަކެއް ވެސް އާކޮށްލެވުނެވެ.

ބަތޫލްއާއި އަޒްޔާންގެ ގުޅުމަށް ނުރުހުން ފާޅުކުރުމަށްފަހު ހިންދު ރުހުން ދިނީ ކުއްލިޔަކަށެވެ. އެކަމާ ހުރެ ސުވާލު އުފެދުނުކަމުގައި ވިޔަސް ބަތޫލްގެ އުފާވެރިކަން ފެނި ޖަނާއަށް ޖެހުނީ އެފިކުރުތައް އޮއްބާލާށެވެ. ބަތޫލްއަށް ނުތަނަވަސްކަން ލިބޭ ފަދަ ކަމެއް ކުރަން ނޭދޭތީއެވެ. އެހެނަސް ދާދި އަވަހަށް މަންޒަރު ބަދަލުވެގެން ދިޔަ ގޮތުން ޝައްކުތައް އަލުން ނުއުފެދޭ ގޮތެއް ވެސް ނުވިއެވެ. ޚާއްސަ ގޮތެއްގައި އޭނަ އަޒްޔާންއާއި ބައްދަލުކުރަންދާން ބަތޫލްއަށް ހާމަކުރި ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ހިންދު ހުންނަނީ ފާޑަކަށެވެ. އޭނައާ ދިމާއަށް ބަލަނީ ވެސް ތަފާތު ނަޒަރަކުންނެވެ. ބިރެއް ކުރިމަތިން ފެނި އެކަމަށް ހުޝިޔާރުވާ ފަދަ ގޮތަކަށެވެ. ހިންދުއަށް ނޭގުނު ކަމުގައި ވިޔަސް އެއިން ކޮންމެ ކަމަކާއެކު ޖަނާގެ ހިތުގައިވި ޝައްކާއި ވަހުމުގެ ވޮށަށް ދިޔައީ މޫއެރި ފޯދެން ތައްޔާރުވަމުންނެވެ. މިއަދު އަޒްޔާންގެ ފަރާތުން ފެނުނު ބަދަލުތަކަކީ ވެސް އަޒްޔާންގެ މިޒާޖާ ނުބައްދަލުކަންތަކެވެ. އަޒްޔާންއަކީ ރުޅިގަދަޔަސް ހަރުހިތެއްގެ މީހެއް ނޫނެވެ. ވޭތެދުވެ ދިޔަ ދުވަސްތަކުގައި ކުރިމަތިވެފައިވި ހައިޖާންގަނޑާއި ބަތޫލްއާ މެދު އުފެދިފައިވި ހާސްކަމުން އޭނައަށް އެކަންތަކާމެދު ފަރުވާތެރިވެ ވިސްނާނުލެވުނީ އެވެ.

''އައެމް ޝުއާރ ސަމްތިންގް އިޒް ރޯންގް... އެކަމަކު ހިންދު ދައްތަ ކީއްވެތަ ބަތޫލްއަށް ދެރައެއް ލިބޭ ފަދަ ކަމެއް ކުރާނީ؟، ޝީޒް ހާރ މޯމް... ދަރިއަކަށް ހިތްދަތިކަމެއް ލިބެން އެއްވެސް މަޔަކު ބޭނުމެއް ނުވާނެ... ބަޓް ހާރ ބިހޭވިއާރ އިޒް ނޮޓް ނޯރމަލް... އަހަރެން ފެނުނަސް މިހާރު ރުޅިއާދޭ... އެހުރިހާ ބަދަލެއް އަންނަން ފެށީ ވެސް އެދުވަހު ބަތޫލް ގާތު އަޒްޔާންގެ ނަން ގެނައުމުން...'' އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވި ޖަނާ ސިހުނީ އަތްދަބަހުގައި އޮތް އޭނަގެ ފޯނު ރިންގްވާން ފެށުމުންނެވެ.

ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލަމުން ދަބަހުގައި އޮތް ފޯނު އޭނަ ނެގިއެވެ.

''ޝުޖާ؟...'' ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ޖަނާއަށް ކިޔާލެވުނެވެ. އަދި ފޯނަށް ޖަވާބުދޭން އަވަސްވެގަތް ހިނދު އޭނަގެ މޫނަށް އުޖާލާކަން ވެރިވެއްޖެއެވެ.

''ކޮންތާކު؟...'' ޝުޖާއުގެ އަޑު ކަންފަތުގައި ޖެހުމާއެކު ހިތުގެ ވިންދު އަވަސްވިކަމުގެ އިހުސާސް ޖަނާއަށް ކުރެވުނެވެ. އޭނަގެ ހިތުގައިވި ޖަޒުބާތުތައް އެފަދަ ކޮންމެ ވަގުތެއްގައި ވެސް ގެނބިފައިވާ ފުން ނިދިން ހޭލަން މަސައްކަތް ކުރެއެވެ.

''ހޮސްޕިޓަލުގަ، ދެންމެ ޑިއުޓީ ނިމުނީ... ކަމަކުތަ ތިގުޅީ؟...''

އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ބާރުފޯރުވަމުން ޖަނާ ވާހަކަދެއްކިއެވެ. އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އޭނަގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް ޖަނާ ވަނީ ވަންހަނާކޮށްފައެވެ. ހިތް އެދޭ ސިފަތަކެއްގެ ވެރިޔަކަސް ޝުޖާއުގެ ފަރާތުން އޭނައަށް އިޝާރާތެއްގެ މިންވަރު ވެސް ނުލިބޭތީއެވެ. ޝުޖާއު އޭނައާ ދިމާއަށް ބަލާވެސް ލަނީ ކޮންމެހެން އެކަމަށް މަޖުބޫރުވާ ހާލަތްތަކުގައި އެކަންޏެވެ. ޝުޖާއުގެ އަމަލުތައް ހުންގޮތުން އަބަދުމެ ޖަނާއަށް ހާސްކަން ލިބެއެވެ. ޝުޖާއުގެ ހަޔާތަށް އަންހެންކުއްޖަކު އައިސްފައިވެދާނެކަމުގެ ބިރުންނެވެ. ނަމަވެސް މިވީހާ ދުވަހު އެކުއްޖާއާއި ބައްދަލުވެފައި ނުވާތީ އެޚިޔާލު ކޮންމެ ފަހަރަކު އޭނަ ސިކުނޑިން ނެރެލައެވެ. ޔަޤީންނުވާ ކަންތަކުގެ މައްޗަށް ބުރަވެ ހިތަށް އިތުރު މާޔޫސްކަމެއް ލިބެން ނޭދޭތީއެވެ.

''ހުޅުމާލެއަށް ދާން މިއުޅެނީ، ޖަނާއަށް ދެވޭނެތަ؟...'' ޝުޖާއު ބުނެލިއެވެ.

''ދެވިދާނެ، އެކަމަކު ފްރެޝް ވެލައިގެން. ކޮންބައެއްތަ ދަނީ؟...'' ޖަނާއަށް އަވަސްއަވަހަށް ބުނެލެވުނެވެ.

''ބަތޫލްއާ އަހަރެން... ބަތޫލް ޖަނާއަށް ދެވިދާނެތޯ ބަލަން ބޭނުންވާތީ މިގުޅާލީ...''

''ތާޓީ މިނެޓްސް ތެރޭގަ އެބައަންނަން...'' ހިތަށް ވެރިވި އުދާސްކަން ފޮރުވާލަމުން ޖަނާ ބުނެލިއެވެ.

*****

ބޮޑުކޮޓަރީގެ ސޯފާގައި އިން ހިންދު ދިޔައީ ބަތޫލްގެ ދިގު އިސްތަށިގަނޑު ގަތަމުންނެވެ. އޭރު ބިންމަތީ ފަތުރާލެވިފައި އޮތް މަޑުމަޑު ކާޕެޓް މަތީގައި އިން ބަތޫލްގެ ނަޒަރު ޓީވީ ސްކްރީނަށް ހުއްޓިފައިވިއެއްކަމަކު އޭނަގެ ސަމާލުކަން ދެވިފައިވަނީ މުޅިން އެހެންކަމަކަށެވެ.

''މަންމައަށް ފެންނަނީ ދަރިފުޅު މާސްޓާރސް ހަދަން މެލޭއަށް ދާން...'' ހިންދު ބުނެލިއެވެ. އޭނަ ހުރީ އަަޒްޔާންގެ ވައިވެސް ނޭޅޭނެ ހިސާބަކަށް ބަތޫލް ފޮނުވަން އަޒުމު ކަނޑައަޅައިގެންނެވެ. މާހައުލު ބަދަލުވުމުން ބަތޫލްއަށް އަޒްޔާންގެ ހަނދާންތަކާއި ދުރުވެވެން ފަސޭހަކަމަކަށް ވާނެތީއެވެ. ނަމަވެސް ހިންދަށް ވިސްނާނުލެވުނީ ބަތޫލްގެ ހަޔާތާ އަޒްޔާން ގުޅިލާމެހިފައިވާ މިންވަރެވެ. އެހިތުގައި ވިންދުވާހާ ހިނދަކު އެނަން ފޮހެވިގެން ނުދާނެކަމެވެ. ހަށީގައި ފުރާނަވާހާ ހިނދަކު އެލޯތްބަށް އެދި އެހިތް އަޒްޔާން ހޯދާނެކަމެވެ. ޖިސްމާއި ފުރާނައިން ގުޅިފައިވާ ލޯތްބެއް ވަކިނުކުރެވޭނެކަމެވެ.

''މަންމާ، ދެން އިތުރަށް ކިޔަވާކަށް އަހަރެން ބޭނުމެއް ނޫން... އެހެންނޫނަސް ނާރސިންގް ދާއިރާގަ ޑިގްރީއެއް އޮތީމަ އަހަންނަށް ފުދޭ...'' އެޚިޔާލާ ބަތޫލް ގަޔާވާ ގޮތެއް ނުވިއެވެ. އެއާއެކު ހިންދުގެ ތަބީއަތު ގޯސް ވިއެވެ. ތުންފަތް އަރިއަކަށް ދަމާލަމުން އަނެއްކާ ވެސް އެޚިޔާލު ބަތޫލްގެ ވިސްނުމުގައި އަށަގަންނަވާލުމުގެ މަސައްކަތް އޭނަ ފެށިއެވެ. އޭނަ ދޫކޮށްލާނީ ބަތޫލް އެކަމަށް އެއްބަސް ކުރުވާފައި ކަހަލައެވެ.

''މިހާރު ކޮންމެ ދާއިރާއަކުން ވެސް އެންމެ މައްޗަށް ގޮސްގެން ކާމިޔާބު ލިބެން އޮތީ... މަންމަ ބޭނުންވަނީ ބަތޫލްއަށް ފާގަތި މުސްތަގުބަލެއް ލިބެން...'' ބަތޫލްގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން ހިންދު ބުނެލިއެވެ. އެޖުމްލައިގެ ފަހަތުގައި މާނައެއް ފޮރުވިފައި ވެދާނެކަމާމެދު ބަތޫލްއަށް ވިސްނާ ނުލެވުނެވެ. ހަމައެއާއެކު އޭނަގެ މަންމަ އޭނަގެ އުފާތަކަށް ހުރަސްއަޅާފާނެ ކަމާމެދު ވެސް މެއެވެ. އަމިއްލަ އެދުމުން ފޯވެ އޭނަގެ ދުޝްމަނަކަށް ބަދަލުވެފައިވާކަން ވެސް މެއެވެ.

''މަންމާ ދެން އިތުރަށް ތިވާހަކަ ނުދައްކަފާނަންތަ؟...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ބަތޫލް ބުންޏެވެ. އަދި ޓީވީގެ ރިމޯޓްނަގައި އޭނަ ގަޔާވާ ޗެނެލެއް ފެނޭތޯ ފިއްތަކަށް އޮބަން ފެށިއެވެ.

''ޖަނާ ދޯ ދަރިފުޅު ގާތު އިތުރަށް ކިޔަވާނެކަމެއް ނެތޭ ބުނެގެން ތިއުޅެނީ؟... ބަލަ ޖަނާ ބުނާ ގޮތަށް ކަންތައް ކުރާކަށް ބަތޫލް ނުޖެހޭނެޔޭ...'' ހިންދު ނުރުހުމާއެކު ހުރިހާ ރޯޅިއެއް އަމާޒުކޮށްލީ ޖަނާ އަށެވެ. އޭނަ ހިތާހިތުން ޖަނާއާ ދިމާއަށް ދުލަށްއައިހާ އެއްޗެއް ގޮވާލިއެވެ. ޖަނާއާއި ބަތޫލްގެ އެކުވެރިކަމަށް ނިމުން ގެންނަން އެވަގުތު އޭނަ އަޒުމު ކަނޑައެޅިއެވެ. އެވިހައިގެ އަސަރު ނުފޭދެނީހެވެ.

''މިހާރު ޖަނާއާ މިކަމާ އޮތީ ކޮން ގުޅުމެއްތަ؟، އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް އެއީ... އެހެންނޫނަސް މިފަހަކަށް އައިސް މަންމަ ކީއްވެ އަބަދު ޖަނާ ދިމާއަށް އެއްޗެހި ކިޔަނީ؟...'' ބަތޫލްއަށް އަހާލެވުނެވެ. އަދި ސޯފާއާއި ދުރަށް ޖެހިލަމުން މަންމައަށް ބަލާލިއެވެ.

''ރަގަޅު އެކުވެރިން ނުބައި ވަސްވާހެއް ނުދޭނެ... މަށަށް ޔަޤީނޭ އޭނަކަން ބަތޫލްއަށް ތިހުރިހާ އެއްޗެއް ވިސްނައިދޭނީ...'' ރުންކުރު ރާގަކަށް ހިންދު ބުނެލިއެވެ.

''މަންމާ...'' ބަތޫލް ބުނަން އުޅުނު ބަސްތައް ދިރުވާލަން ޖެހުނީ އެވަގުތު މައިދޮރު ހުޅުވާލާފައި ވަން ޝުޖާއު ފެނުމުންނެވެ.

''ނުބައި ގަޑިއެއްގަތަ މިއާދެވުނީ؟...'' ބަތޫލްއާއި ހިންދުއަށް އަވަސް ނަޒަރެއް ދެމުން ޝުޖާއު އަހާލިއެވެ. އެދަމައިން ތިބިގޮތުން ދެބަސްވުމެއް ހިނގަނީކަން އޭނައަށް ނަގައިގަނެވުނެވެ.

''ނޫން، އެންމެ ރަގަޅު ގަޑިއަށް ތިއައީ...'' ކޮޅަށް ތެދުވަމުން ބަތޫލް ޝުޖާއުއަށް ހިނިތުންވެލަމުން މީހާ ހަމައަކަށް އަޅުވާލިއެވެ. ''ގިވް މީ ފައިވް މިނެޓްސް ޓު ގެޓް ރެޑީ... ޖަނާއަށް އާދެވޭތަ؟...''

''އާނ، ގުޅީމަ ބުނި އަންނާނެ ވާހަކަ... ތި ފަސް މިނެޓު ދިގުލައިގެންދާވަރު ބަލަން ޓައިމާރ މިޖައްސަނީ...'' ސަމާސާ ރާގަކަށް ޝުޖާއު ބުނެލިއެވެ. އެއާއެކު މޫނަށް ވައްތަރެއް ޖައްސާލަމުން ބަތޫލް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.

އިހުނަށްވުރެ ބޮޑަށް ހިނިތުންވެލަމުން ޝުޖާއު ގޮސް ސޯފާ ގޮނޑީގައި އިށީނެވެ. ބަތޫލްއަށް އަންނަމުންދާ ބަދަލުތަކާމެދު އޭނަ ހިތްހަމަޖެހިފައިވާކަމުގެ ލިސާންތައް އެމޫނުން ފާޅުވެއެވެ.

''ހާދަ ވަރަކަށް ރުޅިއައިސްފަ ބޮޑުދައިތަ ތީނީ؟... އަނެއްކާ ކިހިނެއްވީތަ؟...'' ހިންދުއަށް ބަލާލަމުން ޝުޖާއު އަހާލިއެވެ.

''ރުޅި އަންނާނެއެއްނު ބަތޫލް އުޅޭ ގޮތަކުން...'' ސުވާލުތަކެއްގެ ތެރެއަށް ޝުޖާއު ދޫކޮށްލުމަށްފަހު ހިންދު ގޮސް ބަދިގެއަށް ވަދެއްޖައެވެ. އޭގެ އިރުކޮޅެއްފަހުން ޚީނާއާ ދިމާއަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެއާއެކު ބޮޑުދައިތަ ވަރަށް ގަދަޔަށް ރުޅި އައިސްފައިވާކަން ޝުޖާއުއަށް ނަގައިގަނެވުނެވެ. ވެދިޔައީ ކިހިނެއްބާއޭ ވެސް އޭނަގެ ހިތަށް އެރިއެވެ. ބަތޫލް ނުކުތުމުން އެކަން އޮޅުން ފިލުވަން އަޒުމު ކަނޑައަޅަމުން ޓީވީއަށް އޭނަ ސަމާލުކަން ހުއްޓާލިއެވެ.

*****

ރަތްކުލައިގެ ގަމީސް ފޮތީގެ ޓޮޕްކޮޅު ލަމުން ބަތޫލް އަލަމާރީގެ ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ފަރާތްފަރާތަށް އެނބުރިލީ އެހެދުން އޭނައާއި ގުޅެތޯ ބަލާލަންށެވެ. އެއަށްފަހު ހުދުކުލައިގެ ލެގިންއެއް އެދިގު ދެފަޔަށް މަހާލަމުން ގޮސް އަނެއްކާ ވެސް ލޯގަނޑު ކައިރިއަށް ހުއްޓިލިއެވެ. ހިތްހަމަޖެހޭ ވަރަށް އެނބުރިލަމުން ބަތޫލް ދެން އަމާޒުކޮށްލީ ރީތިވާމޭޒާއެވެ. މަޑު ރަތްކުލައެއްގެ ލިޕްސްޓިކަކުން ތުންފަތުގައި ކުލަޖައްސަން ހުރި ބަތޫލް ސިހުނީ ކުއްލިއަކަށް ކޮޓަރީގެ ތެރެއަށް ފެތުރުނު ފޯނުގެ ރިންގުގެ އަޑަށެވެ. އެއާއެކު އަތުގައި އޮތް ލިޕްސްޓިކާއެކު އޭނައަށް އެނދާއި ދިމާއަށް އެނބުރިލެވުނީ އަވަސްވެފައިވާ ހިތަކާއެކުގައެވެ. ޤަބޫލުކުރަން ވެސް ދަތިވެފައި އޭނައަށް ގަނޑުވެފައި ހުރެވުނީ އިވެމުން ދިޔަ އަޑަކީ ވަހުމަކަށް ވެދާނެތީއެވެ. ކުއްލިޔަކަށް އޭނަގެ ނޭވާ ވެސް ފުންވާން ފެށިއެވެ.

ހަމަހޭވެރިކަން ބަތޫލްއަށްވީ ދެވަނަ ފަހަރަށް ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނަ ފޯނު ނަގައި ބަލާލިއިރު ހިތް ވަނީ އިންތިހާއަށް އަވަސްވެފައެވެ. ނޭވާ ވެސް އެވަގުތުކޮޅު ހިނދުރީގައި ތާށި ވެއްޖެއެވެ. އޭރު ބަތޫލްގެ އަތުގައި މަޑުތުރުތުރުލުމެއް އުފެދިފައި ވިއެވެ. މިފަހަރު ވެސް ފޯނު ކެނޑެން ދެން އޭނައަށް ބަލަން ހުރެވުނީ ގަނޑުވެފައެވެ. ޤަބޫލުނުކުރެވިފައެވެ.

ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ފޯނު ރިންގުވާން ފެށުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން ބަތޫލްއަށް ފޯނު ކަންފަތުގައި ޖައްސާލެވުނީ ބޭޤަރާރުވެފައި ހުރެއެވެ. އޭނަގެ ދެލޮލަށް އޭރު ކަރުނަ ޖަމާވާން ވެސް ފަށައިފިއެވެ. ކީއްވެގެންކަމެއް ނޭގެއެވެ. އެހިތް އޭރު އެދިގޮވަމުން ދިޔައީ ވޭދުވެ ދިޔަ ދުވަސްތައް ބަދަލުކޮށްލާނެ ފަދަ ޖުމްލައެއް އަޑުއިވުމަށެވެ. އެހިތަށް ރާހަތެއް ލިބުމަށެވެ.

''ބޮޑު ނޮހޮރައްޕާނެއް ވަރު ވެއްޖެޔޭ... ކީއްވެތަ އެއްޗެއް ނުވިސްނިގެން މަގޭ ފަހަތުން އާދޭސްކުރުވަން މީހުން ފޮނުވަނީ؟... ހޭބަލިވެގެންތަ ތިއުޅެނީ؟... ފިރިހެނުން ހުސްވީތަ؟...'' އަޒްޔާންގެ ހަރުކަށި އަޑުއިވި ބަތޫލްގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުވެ ލޯކުރިމަތީ ބުރައިގެން ދިޔަ އެވެ. އެއަޑު އިވި ހިތަށް ކުޑަވަރެއްގެ ފިނިކަމެއް ލިބުނުކަމުގައި ވިޔަސް އޭގައި އެކުލެވިފައިވި ހަރުކަށިކަމުން ބަތޫލްގެ ހިތް ރޮއްވާލައިފިއެވެ.

''ޒޭން...''

ހިތަށްވީ ތަދާއެކު ބަތޫލްއަށް ބުނެވުނެވެ. އޭނައަށް އަޒްޔާން ބުނި އެއްޗެއް ފަހުމެއް ނުވިއެވެ. އިރުކޮޅަކަށް ދެމިގެން ދިޔަ ހަމަހިމޭންކަމަށް ފަހު އަނެއްކާ ވެސް އަޒްޔާންގެ ރުޅިވެރިކަމުން ފޯވެގެންވި އަޑު އިވުނެވެ.

''މަގޭ އަތުން ފައިން ގޯހެއް ހަދަން ބޭނުން ނޫނިއްޔާ މީގެ ފަހުން މަށާ ދުރުން އުޅެން ހަނދާން ބަހައްޓާތި، އަދި ޖަނާ ގާތު ބުނާތި ދެވަނަފަހަރަށް މަށާ ބައްދަލުކުރަން ނާންނައްޗޭ...'' އަޒްޔާން ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު ފޯނު ކަނޑާލި އިރު ބަތޫލްއަށް ހުރެވުނީ ފޯނު ތިރިކޮށްލަން ވެސް ނޭގިފައެވެ. ހިއްސުތައް ގަބުވެފައިވާ ކަހަލައެވެ. އޭރު އޭނަގެ ލޮލުން ފޭދެމުން އައި ކަރުނަތައް ހަލުވިކަމާއެކު ކޯތާފަތުން ތިރިއަށް ފިރުކެމުން ދިޔަ އެވެ.

''ކޮބާ މިހާރު ފަނަރަ މިނެޓް އެވީ، އަދިވެސް ތައްޔާރު ނުވޭތަ؟...'' ބަތޫލްގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން އަޒްޔާން އަހާލިއެވެ. އެއަޑަށް ސިހުނު ބަތޫލްގެ އަތުން އޭނަގެ ފޯނު ދޫވެއްޖެއެވެ. އެއާއެކު ކޮޓަރީގެ ހިމޭންކަމަށް ނިމުމެއް އައެވެ.

''ބަތޫލް؟...'' އެއްޗެއް ވެއްޓުނު އަޑާއެކު ޝުޖާއުއަށް އަވަސްއަވަހަށް ތަޅުގައި ހިފާލެވުނެވެ. ދޮރު ތަޅުލާފައި ހުރުމާއެކު އޭނަ ބަތޫލްއަށް ގޮވާލަމުން ދޮރުގައި ޓަކިޖަހާލިއެވެ. ނަމަވެސް ބަތޫލްގެ ޚަބަރެއް ނުވުމުން އޭނަ ހާސްވާގޮތް ވިއެވެ.

ދޮރުނުހުޅުވައި ހުރެއްޖެއްޔާ މަސްލަހަތު ގޯސްވެދާނެތީ ކަރުނަތައް ފޮހެލަމުން ބަތޫލް ގޮސް ދޮރުހުޅުވާލީ މީހާ ހަމައަކަށް އަޅުވާލަން ފުންނޭވާތަކެއް ދޫކޮށްލުމަށްފަހުގައެވެ.

''ކޮން އަޑެއްތަ އެއިވުނީ؟...'' ބަތޫލްއަށް ފަރުވާތެރިކަމާއެކު ބަލާލަމުން ޝުޖާއު ސުވާލުކޮށްލިއެވެ. ''ވާރ ޔޫ ކްރައިންގް؟...''

''ބަތޫލް...'' ބަތޫލް އެތެރެއަށް ވަންނަން އުޅުމާއެކު ޝުޖާއުއަށް ބަތޫލްގެ އަތުގައި ހިފާލެވުނެވެ. ކަރުނަތަކާއި ހަނގުރާމަކުރަމުން އައި ބަތޫލް މައިދާނުގައި ބަލިވުމާއެކު އޭނައަށް ރޮވިއްޖެއެވެ.

''ގޯޑް، ވަޓް ހެޕެންޑް... ވައި އާރ ޔޫ ކްރައިންގް...'' ބަތޫލްގެ ކޮނޑުގައި ހިފައި އޭނައާއި ކުރިމަތިވާނެހެން އަނބުރާލަމުން ޝުޖާއު ވާހަކަދެއްކިއެވެ. އަދި ބަތޫލްގެ ކޯތާފަތް ތެތްމަމުން އައި ކަރުނަތައް ފޮހެލަދިނެވެ. ޝުޖާއު ކަންބޮޑުވެފައިވާވަރު އޭނަގެ ދެލޮލާއި އަމަލުތަކުން ހާމަކޮށްދެއެވެ.

''އަ...އަޒްޔާން...'' ބަތޫލްގެ އަރުބެދި ޝުޖާއުގެ ގައިގައި ބައްދާލެވުނެވެ. ކުއްލިޔަކަށް އަޒްޔާންގެ ނަން ގެނައުމުން ޝުޖާއު ހައިރާން ވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ވެގެން އުޅޭ ގޮތެއް ސާފުކުރަން އުޅުނެވެ. އޭރު އަޑުގަދަވެގެން ހިންދު އައިސް ބަތޫލްގެ ކޮޓަރިއަށް ވަންނަނީއެވެ.

*****

ޖަނާއަށް އާދެވުނުއިރު ބަތޫލްގެ ގިސްލުމުގެ އަޑު ގޭގައި ހަރުލާފައި އޮތެވެ. ވެގެން އުޅޭ ގޮތެއް ނޭގިގެން ޝުޖާއުއާއި ހިންދު ބަތޫލްއާ ސުވާލުކުރަމުން ދިޔަ ކަމުގައި ވިޔަސް އެދެވޭފަދަ ކުރިއެރުމެއް ނުލިބުނެވެ. އަވަސްއަވަހަށް ޖަނާއަށް އެދިމާއަށް ދެވުނީ ކަންބޮޑުވެފައި ހުރެއެވެ. ޖަނާ ގޮސް ބަތޫލްއަށް ގޮވާލުމާއެކު ހިންދު ޖަނާއާ ދިމާާއަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ.

ކުއްލިޔަކަށް ބަތޫލްއަށް ރުއިން ހުއްޓާލެވުނެވެ. އަދި ކަރުނަތައް ފޮހެލަމުން ޖަނާއާ ކުރިމަތިލާން އެނދުން ތެދުވެއްޖެއެވެ. ބަތޫލްއަށް އެއައި ކުއްލި ބަދަލުން ޝުޖާއުގެ އިތުރުން ހިންދުއަށް ވެސް ހައިރާންކަމެއް ލިބުނެވެ.

''އަހަރެން ބުނީމެއްނު ޖަނާ ގާތު އަޒްޔާންއާއި ބައްދަލުކުރަން ނުދާށޭ، ދެން ކީއްވެތަ ދިޔައީ؟... އަހަރެން ބުނީމަ އަޑު ނީވުނީ ކީއްވެތަ؟...'' ބަތޫލް ހަޅޭއްލަވަން ބޭނުންވިކަމުގައި ވިޔަސް ވަގުތާއި ހާލަތު އެކަމަށް ތަނެއް ނުދިނެވެ. އަނެއްކާ ވެސް ރޮވޭގޮތްވުމުން އޭނަގެ އަޑު ކުރެހުނެވެ. ''ޖަނާ އަހަންނަށް ހެޔޮއެދޭނަމަ އެކަހަލަކަމެއް ނުކުރީމުސް...''

(ނުނިމޭ)

comment ކޮމެންޓް