މަޝްވަރާތަކާ ގުޅިގެން ޕާޓީތަކަށް އެއްވެސް ޝަރުތެއް ކުރިމަތި ނުކުރުމަށް އަދާލަތުން ގޮވާލައިފި

ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ސެޕްޓެމްބަރު މަހު ބޭއްވުނު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕްގެ ގޮވާލުމާ ގުޅިގެން ދިވެހި ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމަށް، އިތުރު އެއްވެސް ޝަރުތެއް ނުކޮށް، ސީމެގުގެ ނިންމުމަށް އިހުތިރާމު ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި މިއަދު ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ވަނީ، މަޝްވަރާތައް ފެށުމުގެ މާކުރިން އެކިއެކި ނަންނަމުގައި ޝަރުޠުތައް ކުރިމަތިކުރުމީ މަޝްވަރާތައް ފެށުމުގެ ކުރިން އެ މަޝްވަރާތައް ފޭލިވެދާނެ ސަބަބެއް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތުވެސް ފަހިވާނެކަމުގައި އަދާލަތު ޕާޓީން ދެކޭ ކަމަށް ވެސް އަދާލަތުން ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

"ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ސަރުކާރުން ބެހި ގޮތްކިޔައިހެދުމަކީ ހީނަރުވަމުން އަންނަ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އިތުރަށް ނިކަމެތިވާނެކަމެކެވެ." އަދާލަތުގެ ސިޓީގައި ބުނެފައިވެ އެވެ.

އެޕާޓީން ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަޝްވަރާތަކާ ގުޅޭގޮތުން އެ ޕާޓިގެ ދުސްތޫރާއި، އެ ދުސްތޫރުން ބާރުލިބިގެން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ޕާޓީގެ ރިޔާސަތަށް ދީފައިވާ ބާރުތަކާއި ހަވާލުކޮށްފައިވާ މައްސޫލިއްޔަތުގެ ދަށުން، އެކުވެރި ދައުލަތްތައް (އދ) މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ވާހަކަތައް އަލުން ފެށުމަށް ދިވެހި ސަރުކާރާއި އދ.ގައި އެ ޕާޓީން އެދިފައި ވާނެ ކަމަށެވެ.

"އެހެންކަމުން އދ.ގައި އެދިފައިވާ އެދުމަށް އެފަރާތުން އިޖާބަދިންހާ އަވަހަކަށް މި ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުންގެ ނަންފުޅުތައް އިއުލާން ކުރާނެވާހަކަވެސް މައުުލޫމާތަށްޓަކައި ދެންނެވީމެވެ." ސިޓީގައި ބުނެފައިވެ އެވެ.

އަދާލަތުން މިހެން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި ކޮންމެ ޕާޓީއަކުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންނަކީ ކޮބައިކަން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ހުށަހެޅުމަށް ސަރުކާރުން އިއްޔެ ސިޔާސީ ޕާޓީތަކަށް އަންގާފައިވާތީ އެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި މިއަދު ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރައްޔިތުންގެ ހެވާއި ލާބަޔަށާއި، ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށްޓަކައި ސިޔާސީ ޕާޓީތަކުން މަޝްވަރާގައި ބައިވެރިވާނޭ ބޭފުޅުންގެ ނަންފުޅުތައް ޕާޓީގެ ކައުންސިލުން ނިންމުމަށް އެދޭ ކަމަށެވެ.

އަދާލަތު ޕާޓީން ވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވާނެ ފަރާތެއް ހާމައެއް ނުކުރެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ ފަރާތްތައް އިއުލާނުކޮށްފައިވާއިރު ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މީގެ ކުރިން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދި އެމްޑީޕީން ވެސް ވަނީ މިފަހަރުގެ މަޝްވަރާގައި އެޕާޓީން ބައިވެރިވާނެ ކަމަށް ބުނެފައެވެ. އެމްޑީޕީން ބުނީ މަޝްވަރާތަކުގައި އެޕާޓީން ބައިވެރިވާނީ ލީޑާޝިޕުން ކަނޑައަޅާ ފަރާތެއް ކަމަށެވެ.

ޕީޕީއެމްއިން ބުނީ މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވެ ވާނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ކަމަށެވެ.

މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

ސަރުކާރުން އިއްޔެ ބުނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި ކޮންމެ ޕާޓީއަކުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންނަކީ ކޮބައިކަން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް