މަޝްވަރާތަކުގައި އދ.ން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އަދާލަތުން އެދިއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއާޒް، ޑިޕާޓްމަންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލްއާ އާއި ރައީސް -- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި އދ.ން މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް އަދާލަތު ޕާޓީން އެދިއްޖެއެވެ.

އަދާލަތު ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީން އެދުނު ގޮތަށް މަޝްވަރާތަކުގައި އދ.ން މެދުވެރިއެއްގެ ރޯލު އަދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެޕާޓީގެ އެ ހުށަހެޅުން ގަބޫލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އަދާލަތު ޕާޓީން މިއަދު ކުރި އިތުރު ޓުވީޓެއްގައި ބުނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ފަށާ މަޝްވަރާގައި އދ.ން ބައިވެރިވުމަށް އެ ޕާޓީން އެދެނީ އެ މަޝްވަރާތަކުން ނަތީޖާއެއް ހާސިލު ކުރުމަށް ކަމަށެވެ.

އަދާލަތު ޕާޓީން ވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވާނެ ފަރާތެއް ހާމައެއް ނުކުރެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ ފަރާތްތައް އިއުލާނުކޮށްފައިވާއިރު ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މީގެ ކުރިން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދި އެމްޑީޕީން ވެސް ވަނީ މިފަހަރުގެ މަޝްވަރާގައި އެޕާޓީން ބައިވެރިވާނެ ކަމަށް ބުނެފައެވެ. އެމްޑީޕީން ބުނީ މަޝްވަރާތަކުގައި އެޕާޓީން ބައިވެރިވާނީ ލީޑާޝިޕުން ކަނޑައަޅާ ފަރާތެއް ކަމަށެވެ.

ޕީޕީއެމްއިން ބުނީ މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވެ ވާނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ކަމަށެވެ.

މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތުތަކެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

ސަރުކާރުން އިއްޔެ ބުނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި ކޮންމެ ޕާޓީއަކުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންނަކީ ކޮބައިކަން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް