މިސްރުގެ މުސްލިމް ބްރަދާހުޑްގެ ލީޑަރު މަރާލައިފި

މުސްލިމް ބްރަދާހުޑްގެ ލީޑަރު، މުހައްމަދު ކަމާލް - ފޮޓޯ: އަލް އަރަބިއްޔާ

މިސްރުގެ ސަރުކާރުން ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި ކަނޑައަޅާފައިވާ ޕާޓީ، މުސްލިމް ބްރަދާހުޑްގެ ސީނިއާ ލީޑަރަކު މަރާލާފައިވާ ކަމަށް އެ ގައުމުގެ ދާޚިލީ ވުޒާރާއިން ބުނެފި އެވެ.

މިސްރުގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި އުމުރުން 91 އަހަރުގެ މުހައްމަދު ކަމާލާ މަރާލާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެވެ. އަދި އޭނާ މަރުވެފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި ކައިރޯގެ ބައްސާތީންގައި ކަމަށްވެސް އެގައުމުން ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކަމާލްގެ އިތުރުން މުސްލިމް ބްރަދާހުޑްގެ އިތުރު ދެ ލީޑަރަކު ވެސް އެ އޮޕަރޭޝަނުގައި މަރާލާފައިވެ އެވެ.

މި އޮޕަރޭޝަނުގައި ކަމާލް މަރާލާފައިވާ އިރު މުސްލިމް ބްރަދާހުޑްގެ ފޭސްބުކް ޕޭޖުގައި ވެސް ވަނީ އޭނާ ވީނުވީ ތަނެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

މިސްރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރާލާފައިވާ ކަމަށާއި އޭނާ މަރުވި އިރު އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ދެ ޖަލު ހުކުމް އިއްވާފައިވާ ކަމަށެވެ.

މުސްލިމް ބްރަދާހުޑް އަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި ނިންމާފައި ވަނީ 2013 ވަނަ އަހަރު އެގައުމުގައި ހިނގައި ދިޔަ އަސްކަރީ ބަޣާވާތަށް ފަހު އެވެ. ނަމަވެސް އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި އެ ޖަމާއަތަކީ ސުލްހައަށް މަސައްކަތް ކުރާ ސުލްހަވެރި ޖަމާއަތެކެވެ.

ދެހާސް ތޭރަ ވަނަ އަހަރު ހިނގައިދިޔަ ބަޣާވާތަށްފަހު މުރްސީގެ ވެރިކަން ވައްޓާލައި، މިހާރު ރައީސް ކަމުގައި ހުންނެވި އަބްދުލް ފައްތާހު އަލް ސީސީ ވަނީ މިސްރުގައި އުޅޭ އިސްލާމިސްޓު ޖަމާއަތްތައް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް