މައްސަލަ ހައްލުކޮށް ގެލެކްސީ ނޯޓް 7 ކޮރެއާގައި އަލުން ލޯންޗުކޮށްފި

ސެމްސަންގް ގެލެކްސީ ނޯޓު7، ކޮރެއާގެ ފިހާރައެއްގައި--

ބެޓެރީއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ސެމްސަންގް ގެލެކްސީ ނޯޓު 7 ބާޒާރަށް އަލުން ނެރެފި އެވެ.

މީގެ ދެމަސް ކުރިން ސެމްސަންގްއިން ނެރުނު ގެލެކްސީ ނޯޓު 7 ފޯނުގެ ބެޓެރީގެ ދޮން ބޮޑުވެ، އޭގައި ރޯވާ މައްސަލަ ދިމާވާން ފެށުމުން އެކުންފުނިން ވަނީ، އޭރު ވިކިފައި ހުރި ފޯނުތަކާއި ވިއްކުމަށް ދޫކޮށްފައި ހުރި 2.5 މިލިޔަނެއްހާ ފޯނު އަނބުރާ ކުންފުންޏަށް ހޯދައިފަ އެވެ. އަދި ފޯނު ގަތް ފަރާތްތަކަށް އޭގެ މާލީ ބަދަލު ވެސް ފޯރުކޮށްދިނެވެ.

ފޯނުގެ ބެޓްރީއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު، އޮކްޓޫބަރު އެއްވަނަ ދުވަހު ސެމްސަންގްއިން ވަނީ ސެމްސަންގް ގެލެކްސީ ނޯޓު 7 ދެކުނު ކޮރެއާގައި ރީލޯންޗު ކޮށްފަ އެވެ. އޮކްޓޫބަރު އެކަކުން ފެށިގެން އިއްޔެގެ ނިޔަލަށް ކޮރެއާގައި 45،000 ފޯނު ވިކުނު ކަމަށް ސެމްސަންގްއިން ބުނެ އެވެ.

ކުންފުނިން ބުނާ ގޮތުގައި، ކޮރެއާގައި މީގެ ކުރިން ނޯޓު 7 ގަތް ފަރާތްތަކުން، ފޯނުގެ ރީލޯންޗަށް ފަހު އަލުން އެ ފޯނު ގަނެފައިވެ އެވެ. ކޮރެއާގެ ބްރޭންޑުތަކުގެ ހާލަތު ބަލާ "ބްރޭންޑް ސްޓޮކް"އިން ބުނީ، މިދިޔަ ދުވަސްވަރުގައި ސެމްސަންގް ބްރޭންޑަށް ކުރިމަތިވި ވެއްޓުމުން އެކުންފުނި މި ހަފްތާގައި އަލުން އަރައިގެންފައިވާ ކަމަށެވެ.

އަންނަ ހަފްތާގައި ކޮރެއާގައި އެޕަލް އައިފޯން 7 ލޯންޗު ކުރާ އިރު، އޭގެ ކުރިން ކޮރެއާ ރައްޔިތުންގެ ހިތްތައް އަތުލައިގަތުމަށް މަސައްކަތް ކުރުމަށް ސެމްސަންގްއަށް ލިބޭނީ މި ހަފްތާ އެކަންޏެވެ.

ސެމްސަންގް ގެލެކްސީ ނޯޓު 7ގެ ބެޓެރީ ގޮވައި، އޭގައި އަލިފާން ރޯވާ މައްސަލަ ދިމާވާތީ، ގިނަ އެއާލައިންތަކުން ވަނީ އެ ފޯނު ފްލައިޓު މަތީގައި ބޭނުންކުރުން މަނާ ވެސް ކޮށްފަ އެވެ.

comment ކޮމެންޓް