މައިލޯ ކަލާސް އެވޯޑް މިފަހަރު ވެސް ޒުވާން ފެތުންތެރިޔާ ނިޝްވާނަށް

ރާއްޖޭގެ އެންމެ ބާރު ފެތުންތެރިޔާ ސީއެޗްއެސްސީގެ ދަރިވަރު ނިޝްވާން އިބްރާހިމް: އޭނާ ވަނީ "މައިލޯ ކަލާސް އެވޯޑް" ދެ ފަހަރު ހޯދާފައި ---

ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ "މައިލޯ ކަލާސް އެވޯޑް" ޒުވާން ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ހޯދައިފިއެވެ. އޭނާ އަކީ މިދިޔަ އަހަރުވެސް އެ އެވޯޑް ހޯދި ދަރިވަރެވެ.

މައިލޯ ކަލާސް އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕެއްގައި ދެކުނު އެފްރިކާގެ ޑާބަންގައި ތަމްރީންތައް ހަދަމުންދާ ނިޝްވާންގެ ބަދަލުގައި އެވޯޑާ ހަވާލުވީ، އޭނާގެ ބައްޕަ އެވެ.

"މައިލޯ ކަލާސް އެވޯޑް" މިއަހަރު ހޯދި ޒުވާން ފެތުންތެރިޔާ ނިޝްވާން އަށް ލިބުނު އެވޯޑާއެކު އޭނާގެ ބައްޕަ: ނިޝްވާން މިހާރު ދަނީ އޮލިމްޕިކްސް ކޮމެޓީގެ ސްކޮލާޝިޕެއްގައި ދެކެނު އެފްރިކާގައި ތަމްރީންތަކެއް ހަދަމުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާއަށް އެވޯޑް ހަވާލުކޮށްދެއްވީ މިރޭގެ ޝަރަފްވެރި މެހްމާނާ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ނެސްލޭ ލަންކާގެ މެނޭޖިން ޑިރެކްޓަރު ޝިވާނީ ހެޖެވެ.

އެ ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ނިޝްވާން ބުނީ އޭނާގެ ކާމިޔާބުގެ އެންމެ މުހިންމު ބައިވެރިންނަކީ އޭނާގެ ބެލެނިވެރިން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ފެތުމުން ގައުމަށް ރީތި ނަން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މައިލޯ ކަލާސް އެވޯޑް" މިއަހަރު ހޯދި ޒުވާން ފެތުންތެރިޔާ ނިޝްވާން އަށް ލިބުނު އެވޯޑް، އޭނާގެ ބައްޕައާ ޔޫތް މިނިސްޓަރު އިރުތިޝާމް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީއެޗްއެސްސީގައި ތައުލީމް ހާސިލްކުރަމުންދާ ވޭތުވެދިޔަ ދެ އަހަރުވެސް ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑް ހޯދާފައިވާ ނިޝްވާން ވަނީ ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގައި ވާދަކޮށް ފެތުމުގެ މުބާރާތްތަކުން ގައުމީ ހަތް ރެކޯޑެއް ހޯދާފައެވެ.

އޭގެ ތެރެއިން އޭނާ ވަނީ މިދިޔަ އަހަރު ފެތުމުގެ 50 މީޓަރު ބަޓްފްލައި ސްޓްރޯކްގެ ގައުމީ ރިކޯޑާއި ބެކްސްޓްރޯކް 50 މީޓަރުގެ ގައުމީ ރެކޯޑް ވެސް އާކޮށްފައެވެ. އަދި މިދިޔަ އޯގަސްޓް މަހު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައި އޭނާ ފެތި ހީޓްގެ ތިން ވަނަ ހޯދާފައެވެ.

comment ކޮމެންޓް