މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އަންގައިފި

ރައީސް އޮފީސް

ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި ކޮންމެ ޕާޓީއަކުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންނަކީ ކޮބައިކަން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ހުށަހެޅުމަށް ރައީސް އޮފީހުން ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.

އެގޮތަށް އަންގާފައި ވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި މިއަދު ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީއެއްގައެވެ.

"ރައްޔިތުންގެ ހެވާއި ލާބަޔަށާއި، ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށްޓަކައި ތިޔަ ޕާޓީން މި މަޝްވަރާތަކުގައި ބައިވެރިވާނޭ ބޭފުޅުންގެ ނަންފުޅުތައް ތިޔަ ޕާޓީގެ ކައުންސިލުން ނިންމެވުމަށްފަހު މި އޮފީހަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ،" ރައީސް އޮފީހުން ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގައިވެއެވެ.

ރައީސް އޮފީހުން އެފަދަ ސިޓީއެއް ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާއިރު، ޕިޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ކަމުގައި އެ ޕާޓީން ވަނީ އެ އޮފީހަށް އިއްޔެ އަންގައިފައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކަމަށް އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އަދި ރިޔާޒާއި އަލީ ހުސައިންގެ ތެރެއިން ބޭފުޅަކަށް ވަޑައިނުގެންނެވޭ ހަލާތެއްގައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުން އަދި ކަނޑައަޅާފައެއް ނުވެއެވެ.

މިކަމާ ބެހޭގޮތުން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ސިޓީގެ ޖަވާބު މާދަމާ ރައީސް އޮފީހަށް ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް