ވޯލްޑް ކަޕްގެ ޖާގަ 48 ޓީމަށް އިތުރުކުރާން ހުށަހަޅައިފި

ފީފާގެ ރައީސް ކަމަށް ޖިއާނީ އިންފަންޓިނޯ އިންތިޚާބުވީ 26 ފެބްރުއަރީ 2016ގައި -- ފޮޓޯ: ބީބީސީ

ދުނިޔޭގެ އެންމެ މަގުބޫލް އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ، ފީފާ "ވޯލްޑް ކަޕް"ގައި ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް މުބާރާތުގެ ގަވައިދު ބަދަލުކުރަން، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޖިއަނީ އިންފަންޓިނޯ ހުށަހަޅުއްވައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ޖާގަ އިތުރުކުރުމަކީ، ސްވިޓްޒަލޭންޑާއި އިޓަލީވިލާތަށް ނިސްބަތްވާ، އުމުރުން 46 އަހަރުގެ އިންފަންޓިނޯ ފީފާގެ ރައީސްކަމަށް ކުރެއްވި ކެމްޕޭނުގެ ވައުދެކެވެ.

ކެމްޕޭން ދުވަސްވަރު އޭނާ ވިދާޅުވެފައި ވަނީ، ފީފާގެ ރައީސްކަމަށް ހޮވިއްޖެ ނަމަ، 40 ޓީމަށް ވޯލްޑް ކަޕްގެ ޖާގަ އިތުރުކުރަށްވާނޭ ކަމަށެވެ. އެގޮތުން މިހާރު މިވަނީ އޭރު ވައުދުވެވަޑައިގެންނެވި އަދަދަށްވުރެ އަށް ޖާގަ އިތުރުވާގޮތަށް މުބާރާތުގެ ގަވައިދަށް އިސްލާހު ހުށަހަޅުއްވަފައެވެ.

އިންފަންޓިނޯގެ ހުށަހެޅުމުގައި ވާގޮތުން، ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ ނަމަ، މުބާރާތުގެ ގްރޫޕް ސްޓޭޖް ކުޅުމުގެ ކުރީން 16 ޓީމެއް ކަޓާގޮތަށް ނޮކައުޓް ބުރެއް ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން ގްރޫޕް ސްޓޭޖަށް ދާއިރު އޮންނާނީ ކުރިންވެސް އޮތް ގޮތަށް 32 ޓީމެވެ.

ފީފާގެ ރައީސް ވިދާޅުވީ، އޭނާގެ އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ފީފާގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.

"މިއީ ރަނގަޅު ހައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކެއް. އަހަރެމެން މި މަސްތެރޭގައި މި ކަމުގެ މަޝްވަރާތައް ފަށައިގެން 2017ގެ ތެރޭގައި ހުރިހާކަމެއް ކަނޑައެޅޭނެ،" އިންފަންޓިނޯ ވިދާޅުވިއެވެ.

އިންފަންޓިނޯ ފީފާގެ ރައީސްކަމާ ހަވާލުވީ، އެމަގާމުގައި ކުރިން ހުރި ސެޕް ބްލެޓާގެ އިސްތިއުފާއާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތައް އިތުރުކުރުމަށް އިންފަންޓިނޯ ހުށަހެޅުއްވި ހުށަހެޅުމުގައި ވާގޮތުން، ޕްރިލިމިނަރީ ނޮކްއައުޓް ރައުންޑެއް ކުޅުމަށް ފަހު، ގްރޫޕް ސްޓޭޖަށް ދާނީ މުބާރާތް ބާއްވާ ގައުމާއެކު ޖުމުލަ 32 ޓީމެވެ. އެގޮތުން ވަކި އުސޫލެއްގެ މަތިން ސީޑްކުރެވޭ 16 ޓީމެއް މުބާރާތަށް އަލްވަދާއުކިޔާނެއެވެ.

"އޭގެ މާނައަކީ އަހަރެމެން މުބާރާތުގެ ބާކީބައި ކުރިއަށް ގެންދާނީ، ހަމަ މިހާރުވެސް އޮތްގޮތަށް 32 ޓީމާއެކު. އެކަމަކު 48 ޓީމަށް މުބާރާތުގައި ވާދަކުރުމުގެ އުފާ ލިބޭނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ފާފާގެ ރައީސް ވިދާޅުވީ، އެ ޖަމިއްޔާގެ ވިސްނުމަކީ މުޅި ދުނިޔޭގައި ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެރުވުން ކަމަށެވެ. ވޯލްޑް ކަޕަކީ ހަމައެކަނި ކުޅިވަރު މުބާރާތެއް ނޫންކަމަށާއި އެއަށްވުރެ ބޮޑަށް އެއީ، މުޅި ދުނިޔެ އޭގައި ޝާމިލްވާ އިޖްތިމާއީ ބޮޑު ހަރަކާތެއް ކަމަށެވެ.

comment ކޮމެންޓް