ޒޯން ހަތެއްގެ ފުރަތަމަ ލެގުގައި މަޑަވެލި އަތުން ދެއްވަދޫ މޮޅުވެއްޖެ

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގެ ފުރަތަމަ ލެގު މެޗު ކާމިޔާބުކުރި ދެއްވަދޫގެ ޓީމު: އެ މެޗުގައި މަޑަވެލީގެ މައްޗަށް ދެއްވަދޫން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ: ދެއްވަދޫ ފުޓްބޯލް ކްލަބު/ ފޭސްބުކް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ހަތެއްގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ގދ. މަޑަވެލި އަތުން ގއ. ދެއްވަދޫ މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ލެގު މެޗުގައި މަޑަވެލީގެ މައްޗަށް ދެއްވަދޫން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު، ދެއްވަދޫން ލަނޑު ޖަހާފައިވަނީ ދެ ވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ދެއްވަދުއަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ހުސައިން ނިޝާނެވެ.

ޒޯން ހަތެއްގެ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގދ. މަޑަވެލީގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ މެޗަށްފަހު އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

ދެއްވަދޫން ޒޯން ހަތެއްގެ ޖާގައެއް ހޯދާފައިވަނީ ގއ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި މަޑަވެލިން ޒޯން ހަތަކުން ޖާގަ ހޯދާފައިވަނީ ގދ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

comment ކޮމެންޓް