އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ބީއެމްއެލް އާއި ސިފައިން ހޯދައިފި

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް އާއި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ސިފައިން --- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ދެ ވަނަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސިފައިން ހޯދައިފި އެވެ.

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ބީއެމްއެލް ހޯދިއިރު، ސިފައިން ހޯދާފައިވަނީ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަމެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ބީއެމްއެލް ހޯދާފައިވަނީ އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަތުން މޮޅުވެގެންނެވެ. އެ މެޗުން ބީއެމްއެލް މޮޅުވެފައިވަނީ 4-2 ސެޓުންނެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސިފައިން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލުގައި ފުލުހުންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ސިފައިން މޮޅުވެފައިވަނީ 4-3 ސެޓުންނެވެ.

ރޭ ކުރިއަށްދިޔަ އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ. އަންހެން ޑިވިޝަނުގެ ތިން ވަނަ ދިރާގާއި ސްޓެލްކޯ ހޯދި އިރު، ފިރިހެން ޑިވިޝަނުގެ ތިން ވަނަ ހޯދާފައިވަނީ އެމްއޭސީއެލް އާއި އެމްޑަބްލިޔުއެސްސީ އެވެ.

comment ކޮމެންޓް