މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާނީ ވައްޑެއާއި ފާރިސް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ): މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާނީ ފާރިސާ އާއި ވައްޑެ ކަމަށް އެޕާޓީން މިއަދު ވަނީ ބުނެފައި ---- ފޮޓޯ: މަޖިލިސް

ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްވަރާތަކުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމުން ވެސް ބައިވެރިވާން އެޕާޓީން ނިންމައިފި އެވެ.

ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެޕާޓީގެ ފަރާތުން ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމުން ބައިވެރިވާނެ ފަރާތްތައް އިއުލާނުކޮށްފައިވާއިރު ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މީގެ ކުރިން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދި އެމްޑީޕީއާއި އަދާލަތު ޕާޓީން ވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީން ބުނީ މަޝްވަރާތަކުގައި ބައިވެރިވާނީ ލީޑާޝިޕުން ކަނޑައަޅާ ފަރާތެއް ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ އދ. އާއި ސީމެގު އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާ އެކު ސަރުކާރުން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާގައި އެޕާޓީގެ ފަރާތުން ބައިވެރިވާނެ ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ކަމަށެވެ.

މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތުތަކެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

comment ކޮމެންޓް