ވަކީލަކު ހަމަނުޖެހިގެން ސުމޮންމިއާގެ އަޑުއެހުން ކެންސަލް ކޮށްފި

ޒުހާ މަރާލުމުގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މި އަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލި ކަމުގެ ދައުވާ ލިބޭ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސުމޮން މިއާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި މިއަދު 2:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުން ކެންސަލް ކުރީ ސުމޮން މިއާ އަށް ވަކީލަކު ހަމަނުޖެހޭތީއެވެ.

އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމުގައި ސުމޮން މިއާ ބުނެފައިވަނީ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށެވެ. އެގޮތުގެމަތިން ޝަރީއަތް ކުރިއަށް ގެންދަނިކޮށް ވަކި ހިސާބަކުން އޭނާ ވަނީ އެ ނިންމުން ބަދަލުކޮށް ދައުލަތުގެ އެހީގައި ވަކީލަކު ބޭނުންވާ ކަމަށް ބުނެފައެވެ.

ހ. ލާލުކުރި ގޭގެ ގޯޅިގަނޑެއްގެ ތެރޭގައި ޒުހާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ތަހުގީގުގައި ސުމޮންއާ ސުވާލުކުރުމުން ޒުހާ މަރާލީ ޖިންސީ ގުޅުން ހިންގުމަށް ފަހު އުފެދުނު ދެބަސްވުމަކަށް ފަހު ކަމަށް ތަހުގީގުގައި ސުމޮން ވަނީ ބުނެފަ އެވެ. ޒުހާއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ސުމޮން ވަނީ އިއުތިރާފުވެފަ އެވެ.

ދެބަސްވުން އުފެދުނީ ޖިންސީ ގުޅުން ހިންގި އިރު އަމަލުކުރި ގޮތެއްގެ ސަބަބުން ދެ މީހުންގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި އިތުރަށް ފައިސާ ހޯދަން ޒުހާ އެދުމުން ކަމަށް ވެސް ސުމޮން ވަނީ ކުރިން ޝަރީއަތުގައި ބުނެފަ އެވެ.

comment ކޮމެންޓް