ކަރަންޓާއި ކާޑުގެ އަގު ބޮޑުވުމުން އައްޑޫގައި މުޒާހަރާ ކޮށްފި

އައްޑޫ ސިޓީގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/އެމްޑީޕީ

ކަރަންޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއި، ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކުއްލި ގޮތަކަށް ކަނޑާލުމާ ގުޅިގެން، އެކަމާ ދެކޮޅަށް އައްޑޫ ސިޓީގައި މުޒާހަރާ ކޮށްފިއެވެ.

އެމްޑީޕީއިން އިސްނަގައިގެން އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވެސް ބައިވެރިވެވަޑައިގަތެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެކި ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިތަދޫގެ ބައެއް މަގުތަކުގައި ޝުއޫރު ފާޅުކުރަމުުން ހިނގައިފައެވެ.

މުޒާހަރާގެ ބައިވެރިން ގެންދިޔައީ ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ އަގު ކުޑަކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމެއް ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގައި މިއަދު ކުރި މުޒާހަރާގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު -- ފޮޓޯ/ އެމްޑީޕީ

ފިއުލް ސާޗާޖުގެ ގޮތުގައި ކޮންމެ ޔުނިޓަކުން ހަތަރު ލާރި އިތުރަށް ނެގުމަށް ސްޓެލްކޯއިން މިދިޔަ ބުދަ ދުވަހު ނިންމި އިރު، ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީ އޮކްޓޫބަރު މަހު ފެށުމާ އެކު ކަނޑާލާނެ ކަމަށް ސަރުކާރުން ކުއްލި ގޮތަކަށް އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރެއެވެ.

ސަރުކާރުން މީގެ ކުރިން ދިން ސަބްސިޑީއާ އެކު، ކޮންޓްރޯލްޑް އަގުތަކެއްގައި ވިއްކަމުން އައި ހަނޑޫކިލޯ 3.98 ރުފިޔާއިން 7.96 ރުފިޔާއަށް، ހަކުރު ކިލޯޯ 4.50 ރުފިޔާއިން އަށް ރުފިޔާއަށް، އަދި ފުށް ކިލޯ 3.50 ރުފިޔާއިން 5.96 ރުފިޔާއަށް އިއްޔެއިން ފެށިގެން ވަނީ އުފުލިފައެވެ.

ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދެން ދޭނީ އެންސްޕާ މެދުވެރިކޮށް، ނިކަމެތިންނަށް އެކަންޏެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާއެވެ.

ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ އަގު ބޮޑުވުމާ ގުޅިގެން ތަކެތީގެ އަގު ވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ހަނޑޫ، ހަކުރު އަދި ފުށުން އުފައްދާ ކާނާގެ ބާވަތްތަކުންނެވެ.

ކާޑުގެ އަގު ބޮޑުކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ އާންމު މެމްބަރުން ވެސް ދަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް