ތިނަދޫގައި ފަތާ ޓްރެކެއް ހަދަނީ

ޓްރެކް ހެދުމަށް ތިނަދޫއަށް ގެންގޮސްފައިވާ ސާމާނު - ފޮޓޯ: ތިނަދޫ ކައުންސިލް

ގދ. ތިނަދޫގައި ފަތާ ޓްރެކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ތިނަދޫ ކައުންސިލްގެ މެމްބަރު ސައުދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ ތިނަދޫގައި ފަތާ ޓްރެކް ހަދަން ނިންމާފައިވަނީ އެރަށުގެ އިރުއުތުރު ފަރާތު ބީޗުގައި ކަމަށެވެ.

"މިއީ ކައުންސިލްގެ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުން ރަށުގައި އެޅިގެންދާ ޓްރެކެއް. މި ޓްރެކް އަޅަނީ ސްވިމިން އެސޯސިއޭޝަން މެދުވެރިވެގެން އެ އެސޯސިއޭޝަންގެ ދަށުން،" ސައުދު ވިދާޅުވިއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ތިނަދޫގައި އަޅާ ފަތާ ޓްރެކަކީ ތިނަދުއަށް އެފަދަ ޓްރެކެއް ބޭނުންވެފައިވާލެއް ބޮޑުކަމުން، ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް، އެސޯސިއޭޝަނުން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫއެއް ކަމަށެވެ.

ޓްރެކް ހެދުމަށް ބޭނުންވާ އެންކާ ބްލޮކްތަކާއި ޓްރެކް ހަދާ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވި ގޮތުގައި އެ ޓްރެކުގެ މަސައްކަތް 15 ދުވަސްތެރޭ ނިންމާލެވޭނެއެވެ.

"މަސައްކަތް ނިމި މީހުންނަށް ބޭނުން ކުރެވޭ ވަރުވާނެ 15 ދުވަސް ތެރޭ،" ސައުދު ވިދާޅުވިއެވެ.

އެމަސައްކަތަށް ބޭނުންވާ ސާމާނުތައް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެރަށަށް ގެންގޮސްފައެވެ.

comment ކޮމެންޓް