ޕޭޓެންޓެއްގެ މައްސަލާގައި އެޕަލް 302 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި

އެޕަލް -- ފޮޓޯ: ރޮއިޓާސް

ހުއްދަ ކުންފުންޏެއްގެ ޓެކްނޮލޮޖީ ބޭނުން ކުރި މައްސަލައެއް އެޕަލްގެ މައްޗަށް ސާބިތުވެ، 302.4 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްކޮށްފި އެވެ.

އެޕަލް ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ވާނެޓް އެކްސް ހޯލްޑިންގް ކޯޕް ނަމަކަށް ކިޔާ ކުންފުންޏެއްގެ ޓެކްނޮލޮޖީއެއް ބޭނުން ކުރުމާ ގުޅިގެންނެވެ. އެކުންފުނިން ކޮޕީ ކޮށްފައި ވަނީ ވާނެޓް އެކްސްގެ އިންޓަނެޓް ސެކިއުރިޓީ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީ ކޮޕީކޮށްގެން އެޕަލްއިން މި ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނަނީ އެކުންފުނީގެ ވީޑިއޯ ކޮންފަރެންސިންގް އެޕްލިކޭޝަން ކަމުގައިވާ ފޭސްޓައިމްގަ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ކޯޓަށް ލާފައި ވަނީ 2010 ވަނަ އަހަރު އެވެ. ވާނެޓް އެކްސްގެ ދައުވާގައި ބުނެފައި ވަނީ އެޕަލް އިން އެކުންފުނީގެ ހަތަރު ޕޭޓެންޓެއް ހުއްދައާ ނުލައި ބޭނުން ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އެޕަލްގެ މައްޗަށް ސާބިތުވެފައިވާ އިރު މިހާތަނަށް މިކަމާ ގުޅިގެން އެކުންފުނިން ވަކި އެއްޗެއް އަދި ހާމަ އެއް ނުކުރެ އެވެ.

އެޕަލް އިން ކޮޕީކޮށްފައިވާ ހަތަރު ޕޭޓެންޓުގެ ތެރެއިން އެއް ޕޭޓެންޓުގެ މައްސަލާގައި މިދިޔަ އޯގަސްޓު މަހުގައި ވެސް އެކުންފުނި ޖޫރިމަނާ ކޮށްފައިވެ އެވެ. އެފަހަރު އެކުންފުނި ޖޫރިމަނާކޮށްފައި ވަނީ 625.6 މިލިއަން ޑޮލަރުންނެވެ.

comment ކޮމެންޓް