ބޮންއަޅާ ބާވަތުގެ މުޅިން އައު ޑްރޯންއެއް އީރާނުން ދައްކާލައިފި

އީރާނުން ދައްކާލި ޑްރޯން

ތެހެރާން (އޮކްޓޯބަރ 1): ޕައިލެޓަކާނުލައި ދަތުރުކުރާ ޑްރޯން މަތިންދާބޯޓުގެ މުޅިން އައު ވައްތަރެއް އީރާނުން ދައްކާލައިފިއެވެ.

އީރާނުން ދައްކާލާފައިވަނީ މީގެ ފަސް އަހަރު ކުރިން އީރާނުން އިލެކްޓްރޯނިކް ދަލެއްގައި ޖައްސައިގެން އެގައުމަށް ތިރިކުރުވި އެމެރިކާގެ ޑްރޯން މަތިންދާބޯޓް ކަމަށްވާ އާރުކިޔު 170 މަރުކާގެ ޑްރޯންއާ އެއްގޮތް ޑްރޯން ތަކެކެވެ. މިއީ އެމެރިކާގެ އެންމެމަތީ ފެންވަރުގެ ޑްރޯން ޓެކްނޮލޮޖީ ނަކަލުކޮށްގެން އުފައްދާފައިވާ އެ ފެންވަރުގެ ޑްރޯންއެއްކަމަށް މިބޯޓު އުފެއްދި އީރާނުގެ އެއަރސްޕޭސް ކުންފުނިން ބުނެއެވެ. އީރާނުން އުފެއްދި މި ޑްރޯންގެ ނަމަކީ ސާއިޤާ (ލައިޓްނިންގް) އެވެ.

އެމެރިކާގެ އާރުކިޔު 170ގެ ޑްރޯންތަކެކޭ އެއްގޮތަށް އީރާނުން އުފެއްދި މި ޑްރޯންއަކީ ޕައިލެޓަކާނުލައި އުދުހި އަދި ޕައިލެޓަކާނުލައި (ކުރިން ޕްރޮގްރާމްކޮށްގެން ބޮންއެޅުމުގެ ގާބިލްކަންވެސް ލިބިގެންވާ ޑްރޯންއެއްކަމަށް އީރާނުގެ އިސްލާމީ ޖުމްހޫރީ ނޫސްއެޖެންސީ ބުނެއެވެ.

އީރާނަކީ ފަޒާގެ ޓެކްނޮލޮޖީގައިވެސް އަމިއްލައަށް އުފެއްދުންތައް އުފައްދާ ގައުމެކެވެ.

އީރާނުން ދައްކާލި ޑްރޯން

މީގެތެރޭގައި ސެޓަލައިޓާއި ސެޓަލައިޓް ޖައްވަށް ފޮނުވާ ރޮކެޓާ އަދި ރޮބަޓްފަދަ އާލާތްތައް ހިމެނެއެވެ. އީރާނަކީ ތަފާތު އެތަށް ބާވަތެއްގެ ޑްރޯން މަތިންދާބޯޓު އުފައްދާ ގައުމެކެވެ.

އީރާނުގެ ޑްރޯން ޓެކްނޮލޮޖީގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުންވެސް ޑްރޯން އުފައްދައެވެ. މީގެއިތުރުން އީރާނަކީ ހަތިޔާރުގެ ވަރުގަދަ އިންޑަސްޓްރީއެއްވެސް ބިނާކޮށްފައިވާ ގައުމެކެވެ.

އެމެރިކާގެ އާރުކިޔު 170 މަރުކާގެ ޑްރޯންއެއް އީރާނުން އަތުލައިގެންފައިވަނީ 2011 ވަނަ އަހަރު އަފްޣާނިސްތާނުގެ މަތިންއުދުހެނިކޮށް އީރާނުގެ ސަރަހައްދީ ރޮނގާ ގާތްވެ އީރާނަށް ޖާސޫސުކުރަން ފެށުމުންނެވެ. މި ބޯޓު އަތުލައިގަތުމަށް އީރާން ބޭނުންކޮށްފައިވަނީ ވަރަށް ވަރުގަދަ ސޮފްޓްވެއަރއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިންވަނީ އީރާނުން އެބޯޓުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެގައުމުގެ ޓެކްނޮލޮޖީގެ ފެންވަރު މަތިކޮށްފާނެތީ އެބޯޓު އަނބުރައި އެމެރިކާއާ ހަވާލުކުރުމަށް އީރާނުގެ ކިބައިން ތަކުރާރުކޮށް އެދެފައެވެ. ނަމަވެސް އީރާންވަނީ އެމެރިކާގެ އެދުމަށް އިޖާބަ ދިނުމަށް ދެކޮޅު ހަދާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް