ސަބްސިޑީ ދޭނީ ފަގީރުންނަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދާ އެއްގޮތަށް: އެންސްޕާ

މާލޭގެ ފިހާރައަކުން ކާޑުގެ ބާވަތްތައް ގަނެގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާޑު ސަބްސިޑީ ދިނުމުގައި އަމަލު ކުރާނީ "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދާ" އެއް ގޮތަށް ކަަމަށް އެންސްޕާ އިން ބުނެފި އެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަކީ އިޖްތިމާއީ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ގަވާއިދެކެވެ. އެ ގަވާއިދު ގެޒެޓުކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެވެ.

އެގަވާއިދުގައި ބުނާ ގޮތުން ނަމަ އެހީއަށް އެދޭ ފަރާތަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އޭޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވާންވާނެ އެވެ.

އެ ގަވާއިދުގެ ދަށުން ކާބޯތަކެއްޗަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ ކޮންމެ މަހަކަށް ޝަރުޠު ހަމަވާ ކޮންމެ ފަރާތަކަށް 40 ރުފިޔާ ލިބިދެވޭނެ އެވެ. މިގޮތުން އެހީއަށް އެދި ހުށަހަޅާ ގޭބިސީ މަހެއްގެ މައްޗަށް ގިނަވެގެން ލިބިދެވޭނީ 240 ރުފިޔާއެވެ.

މީގެ އިތުރުން މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ ނުވަތަ އެފަރާތުގައި ހުންނަން ޖެހޭ ޝަރުޠެއް އުނިވެއްޖެ ނަމަ، އެހީ ލިބެމުންދާ ފަރާތުން އެކަން 15 ދުވަހުގެ ތެރޭގައި އޭޖެންސީއަށް އަންގަން ޖެހެ އެވެ. އަދި އެއަށްފަހު ލިބެމުންދާ އެހީ މެދުކަނޑާލެވޭނެ ކަންވެސް އެގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެންސްޕާއިން މިއަދު ބުނީ ކާޑު ސަބްސިޑީ އަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ސަބްސިޑީ ދިނުމުގެ ކަންތައްތައް އެ އޭޖެންސީ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ސަބްސިޑީއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ބޭނުންވާ ލިޔެކިއުންތަކާ އެކު އެ އޭޖެންސީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށް ވެސް އެންސްޕާއިން ބުންޏެވެ.

ކާޑުގެ ސަބްސިޑީ ދިނުމަށް ހަމަޖެހިފައި ވަނީ މަހުން މަހަށް އެފަރާތެއްގެ ބޭންކް އަކައުންޓަށް ފައިސާ ޖަމާކޮށްގެންނެވެ.

ކާޑަށް ދޭ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދޭން ނިންމުމާ އެކު ޝަރުތު ހަމަވާ ފަރާތްތަކަށް ބޮލަކަށް ދޭން ނިންމާފައި ވަނީ 40 ރުފިޔާ އެވެ. އަދި ގޭބިސީއަކަށް ދިނުމަށް ނިންމާފައި ވަނީ މަހަކު 240 ރުފިޔާ އެވެ.

ކާބޯތަކެތީގެ އަގަށް އައި ބަދަލާ އެކު އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުވާނެ އެވެ. އަދި އަތޮޅުތެރެއަށް އެއަގުތައް އިތުރަށް ބޮޑުވެ އެވެ.

comment ކޮމެންޓް