ފަގީރު ކަމަށް ބަލާ މިންގަނޑު ހާމަ ކުރުމަށް އަދާލަތުން ގޮވާލައިފި

އެސްޓީއޯގެ ހަކުރު ގުދަނުން އުޅަނދަކަށް ހަކުރު ބަރު ކުރަނީ: -- ސަން ފައިލް ފޮޓޯ

ކާޑުގެ ބާވަތްތަކުން މިހާތަނަށް ދައުލަތުން ދެމުން ގެންދިޔަ އާންމު ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ނިންމާފައިވާ އިރު، ނިކަމެތިންގެ މިންގަނޑު ސަރުކާރުން ކަނޑައެޅި ގޮތް ހާމަކޮށްދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކާޑުގެ ބާވަތްތަކުން ސަބްސީޑީ ކަނޑާލުމުން ނިކަމެތި ކަމަށް ސަރުކާރުން ގަބޫލު ނުކުރާ މީހުންގެ ކާބޯތަކެތީގެ އަގު ޑަބަލް ބޮޑުވެފައިވާ ކަމަށެވެ.

"އަދި ފަގީރު ގޭބިސީކަމުގައި ސަރުކާރުން ކަނޑައަޅާ ގޭ ބިސީތަކަށް މަހަކަށް ގިނަވެގެން ދޭން ނިންމާފައިވާ 240 ރުފިޔާ [ބޮލަކަށް 40ރުފިޔާ]ގެ ސަބްސިޑީއަކީ މަސް ދުވަހުގެ ކާޑު ގަތުމަށް ފުދޭ ވަރަށް ވުރެ މާ ކުޑަ މިންވަރެކެވެ. މިއާ އެކު މިކަމަކީ ރައްޔިތުން ސަރުކާރަށް ސަލާންޖެހުމުގެ ސަގާފަތް އިއާދަ ވެގެންދާނެ ކަމެއް ކަންވެސް ފާހަގަކުރަމެވެ،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ ސަބްސިޑީ ކަނޑާލުމުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން ރޭޓް މައްޗަށް ގޮސް ދިރިއުޅުމުގެ ހަރަދު އަތްނުފޯރާ ފަށަށް ދާނެ ކަމަށެވެ. އަދާލަތުން ބުނީ އެކަމުގެ ސަބަބުން ސަރުކާރަށް އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.

ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ސަރުކާރުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެ ނިންމުމަށް މިއަދު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

އެއާ އެކު މިހާރު 3.98 ދޭ ހަނޑޫ ކިލޯއެއްގެ އަގު .7.96 ރުފިޔާއަށް ބޮޑުވާނެ އެވެ. އަދި 4.50 ރުފިޔާއަށް ދޭ ހަކުރު ކިލޯއެއްގެ އަގު އަށް ރުފިޔާއަށް ބޮޑުވެ އެވެ. އަދި 3.50 އަށް ދޭ ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވާނެ އެވެ.

ސަރުކާރުން ބުނީ ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ނިންމުމުން ދައުލަތުގެ ބަޖެޓުން 104 މިލިއަން ރުފިޔާ ރައްކާ ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް