އިސްތަށި ފޭބުމަށް ލޯރެއާލްގެ އާ އީޖާދު - ސެލް ބައޮ ޕްރިންޓު ކުރުން

އިސްތަށީގެ ސެލްތައް ޕްރިންޓު ކުރާ މެޝިން -- ފޮޓޯ: ލޯރެއާލް

އިސްތަށި ފޭބުމަކީ ގިނަ ބަޔަކަށް ދިމާވެފައިވާ ސިއްހީ ހާލަތެކެވެ. އަދި މިކަމަކީ ގިނަ ބަޔަކު ލަދުވެތިވެސްވާ ކަމެކެވެ.

މިކަމުން ރައްކާތެރިވުމަށާއި އިސްތަށި ފޭބުން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެކި ކުންފުނިތަކުން ގިނަ އުފެއްދުންތަކެއް އުފައްދާފައިވާ އިރު ލޯރެއާލް އިން މިހާރު ތައްޔާރުވަމުން ދަނީ މުޅިން އާ އީޖާދެއް ތައާރަފްކުރުމަށެވެ.

ލޯރެއާލް އިން ތައްޔާރު ވަމުން ދަނީ އިސްތަށީގެ މޫ ވަރުގަދަ ކުރާ ސެލް ބައޯ ޕްރިންޓު ކުރާ ޓެކްނޮލޮޖީއެއް ބޭނުން ކޮށްގެން އިސްތަށި ފޭބުމަށް ހައްލެއް ގެނައުމަށެވެ. އެގޮތުން އެކުންފުނިން މިހާރު ވަނީ ފްރާންސުގެ ބައޮ ޕްރިންޓިން ފާމަކާ އެކު ޕާޓްނާޝިޕް ހަދައިފަ އެވެ.

ޕޮއީޓިސް ނަމަކަށް ކިޔާ މި ކުންފުނިން މިހާރު ވަނީ ސެލް ބޭސްޑް އޮބްޖެކްޓްސް ޕްރިންޓު ކުރާ ޓެކްނޮލޮޖީއެއް އީޖާދުކޮށްފަ އެވެ. މިއީ ލޭޒާ ޕްރިންޓިން މެދުވެރިކޮށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ.

ބޮލުގެ އިސްތަށި ވަރުގަދަ ކުރުމަށް މިފަދަ ޓެކްނޮލޮޖީއެއް މެދުވެރިކޮށް ސެލް އުފެއްދުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައިވާ ކަމެއް ނޫނެވެ. ލޯރެއާލް އިން ބުނާ ގޮތުގައި މި ޓެކްނޮލޮޖީއަށް ހޭނެން އެކުންފުންޏަށް ތިން އަހަރު ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެއާ ސެލްތައް ބައޮ ޕްރިންޓް ކުރެވިއްޖެ ނަމަ ހެއާ ބައޮލޮޖީއާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އަދި ހޯދިފައިނުވާ އެތައް ކަމެއް ހޯދިގެން ދާނެ. އަދި އިސްތަށި ފޭބުމާއި އިސްތަށި ހެދި ބޮޑުވުމަށް މެދުވެރިވާ، މިހާތަނަށް ހޯދިފައި ނެތް ސަބަބުތައް ވެސް ހޯދަން ފަސޭހަވެގެންދާނެ،" ލޯރެއާލްގެ ރިސާޗް އެންޑް އިނޮވޭޝަން ޑިވިޝަނުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ މި ޓެކްނޮލޮޖީ ބޭނުން ކުރާނީ އާ ޕްރޮޑަކްޓުތައް ޓެސްޓު ކުރުމަށެވެ.

މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބޮލުގެ އިސްތަށީގެ ސެލްތައް ބައޮ ޕްރިންޓު ކުރަން ހަމަޖައްސާފައި ވަނީ ޕޮއީޓިސް ކުންފުނިން އުފައްދާފައިވާ މެޝިނެއް ބޭނުންކޮށްގެންނެވެ. މި މެޝިނުން ސެލް ޕްރިންޓު ކުރާނީ ބައޮ އިންކް ބޭނުންކޮށްގެންނެވެ.

ޕޮއީޓިސް އިން ބުނި ގޮތުގައި އެ މެޝިނުން އުފައްދާ ސެލްތަކަކީ އޯގަނިކް ސެލްތަކެއް ކަމަށާއި އިމްޕްލާންޓު ކުރުމާ އެކު އިސްތަށިތައް ވަރުގަދަ ވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް