ޕެނަލްޓީގައި ނިލަންދޫ ބަލިކޮށް، ދެއްވަދޫން ގއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ގއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫ ޓީމު: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 7-6 ލަނޑުން ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެން --- ފޮޓޯ: ދެއްވަދޫ ފުޓްބޯލް ކްލަބު/ ފޭސްބުކް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގއ. އަތޮޅު ބުރުގެ ފައިނަލުގައި ޕެނަލްޓީގައި ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެން ދެއްވަދޫން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކަނޑުހުޅުދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ނިލަންދޫގެ މައްޗަށް ދެއްވަދޫން ކުރި ހޯދާފައިވަނީ 7-6 ލަނޑުންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ދިހަ މިނެޓް ތެރޭ ދެއްވަދޫން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އަހްމަދު މުއާޒް، ދެއްވަދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގެ ނުވަ ވަނަ މިނެޓުގައި ދެއްވަދޫގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ސަމީހު ހަސަންއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫން ލަނޑެއް ޖަހާފައިވެއެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިރުފާން މުހައްމަދެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ދެއްވަދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށުނުތާ ހަ މިނެޓް ފަހުން ދެއްވަދޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ދެއްވަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަފްވާން ރަމްޒީއެވެ.

މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ދެ ޓީމުގެ ފަރާތުން ވެސް ލަނޑެއް ފެނިގެންދިޔައެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މައުފޫޒް އާދަމް ނިލަންދުއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިން ނަމަވެސް، އޭގެ ދެ މިނެޓް ފަހުން އަހްމަދު ނަޖްމީން ވަނީ ދެއްވަދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 3-3 ލަނޑުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ދެއްވަދޫގެ ޕެނަލްޓީތައް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ޝާހިދާއި، އަހްމަދު މުއާޒާއި، ހުސައިން ނިޝާން އަދި ސަލާހް އަހްމަދެވެ. ނިލަންދޫގެ ޕެނަލްޓީތައް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ލިހާޒް އާދަމް އާއި، ޔޫނުސް އަންވަރު އަދި މައުފޫޒް އާދަމްއެވެ.

ގއ. އަތޮޅު ޗެމްޕިއަންކަން ހޯދި ދެއްވަދޫ ދެން ނުކުންނަން ޖެހޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގެ ބުރުގައެވެ. އެ ބުރުގައި ދެއްވަދޫ ނުކުންނަން ޖެހޭނީ ގދ. އަތޮޅުގެ ޗެމްޕިއަން މަޑަވެއްޔާ ދެކޮޅަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ އެ ބުރުގެ ފުރަތަމަ ލެގު މެޗު އަންނަ ހޯމަ ދުވަހު ދެއްވަދޫގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، އަންނަ ބުރާސްފަތި ދުވަހު ކުޅޭ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަޑަވެލި ދަނޑުގައެވެ.

comment ކޮމެންޓް