ސެމްސަންގ ގެ ދޮންނަ މެޝިންތައްވެސް ގޮވަނީ

ސެމްސަންގް ބްރޭންޑުގެ ދޮންނަ މެޝިންތަކެއް-- ފޮޓޯ: ގެޓީ އިމޭޖެސް

މުޅި ދުނިޔެއަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސެމްސަންގއިން އުފައްދާ ބައެއް ދޮންނަ މެޝިންތައް ގޮވާފައިވާތީ އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފިއެވެ.

މި ދައުވާ އެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ އެމެރިކާގެ ލޯ ފާމަކުންނެވެ. އެ ލޯ ފާމުން ބުނެފައިވާ ގޮތުގައި ސެމްސަންގެ ދޮންނަ މެޝިންތަކުގައި ހުރި މައްސަލަތަކާ ގުޅިގެން އޭގެ މެޝިނެއް ގޮވައިފި ނަމަ އެ މެޝިންގެ ބޭނުން ކުރާ މީހުންނާއި އެމީހުންގެ މުދަލަށް ގެއްލުން ލިބުން އެކަށީގެންވާ ކަމަށެވެ.

އެފަދަ ދައުވާއެއް ސަމްސަންގ ގެ މައްޗަށް އުފުލާފައިވާކަން އެ ކުންފުނިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެފަދަ މައްސަލަތަކެއް އެކުންފުނީގެ ދޮންނަ މެޝިންތަކުގައި އުޅޭ ކަމަށް އެކުންފުނީގެ ވެބްސައިޓުގައިވެސް ބުނެފައިވެއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު އެކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ނޯޓް 7 ގެ ފޯނު ތަކުގެ ބެޓަރި ގޮވާ މައްސަލަވެސް ވަނީ ހޫނު ވެފައެވެ. އެ ފޯނު އުފެއްދުން ހުއްޓާލުމަށްފަހު އެކުންފުނިން ދަނީ މިހާރު ވިއްކާފައި ހުރި އެ ސީރީސްގެ ފޯނުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަނބުރާ ނަގަމުންނެވެ.

ސެމްސަންގ އިން ވިއްކި ނޯޓް 7 ގެ ފޯނުތަކުގެ ތެރެއިން އަދިވެސް އެކުންފުންޏާ ހަމައަށް ނައިސް ހުރި ފޯނު ތަކުގެ އަދަދު 2.5 މިލިއަނަށް އަރައެވެ.

comment ކޮމެންޓް