އަހަރު ދުވަސް ތެރޭގައި އިންފްލޭޝަން 0.63 ޕަސެންޓް ދަށް ވެއްޖެ

 ބާޒާރުގައި ތަރުކާރީ ވިއްކަން ބަހައްޓާފައި ---- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން 0.63 ޕަސެންޓު ދަށްވެއްޖެ އެވެ.

ނަމަވެސް ފާއިތުވި އޯގަސްޓު މަހު ކާބޯތަކެތީގެ އަގު 0.24 ޕަސެންޓު މަތިވެފައިވާ ކަމަށް އެންބީއެސް (ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް)ގެ ހިސާބުތަކުން ދައްކައިފި އެވެ.

އޯގަސްޓު މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި އަގުތައް އެންމެ މަތިވެފައި ވަނީ ތަރުކާރީއާއި ކިރާއި ޗީޒް އަދި ބިހުގެ އެވެ. ތަރުކާރީގެ އަގު 4.10 ޕަސެންޓު މަތިވެފައިވާ އިރު ކިރާއި ޗީޒް އަދި ބިހުގެ އަގުތައް ވަނީ 1.21 ޕަސެންޓު މަތިވެފަ އެވެ. ފޭރާމުގެ އަގުތައް 1.32 ޕަސެންޓު މަތިވެފައިވާއިރު މޭވާގެ އަގު ވަނީ 0.79 ޕަސެންޓު އިތުރުވެފަ އެވެ.

ފާއިތުވި މަހު ބޭހުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ. ބޭހުގެ އަގުތައް މަތިވެފައި ވަނީ 0.59 ޕަސެންޓުގެ ރޭޓުގައި އެވެ. މީގެ އިތުރުން ގޭގޭގެ ކުލީގެ އަގު 0.54 ޕަސެންޓަށް ބޮޑުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޯގަސްޓު މަހު މައިގަނޑު ގޮތެއްގައި އެންމެ ބޮޑަށް އަގު ދަށަށް ގޮސްފައި ވަނީ މަހުގެ އެވެ. މަހުގެ އަގު ވަނީ 3.66 ޕަސެންޓު ދަށްވެފަ އެވެ. ދެން އެންމެ ބޮޑަށް އަގު ހެޔޮ ވެފައި ވަނީ ބޫޓާއި ފައިވާނުގެ އެވެ. ބޫޓާއި ފައިވާނުގެ އަގުތައް މިދިޔަ މަހުގައި ވަނީ 5.87 ޕަސެންޓު ދަށްވެފަ އެވެ. ފަރުނީޗަރުގެ ބާވަތްތަކުގެ އަގު 0.38 ޕަސެންޓު ދަށްވެފައިވާ އިރު ފުޑް ޕްރޮޑަކްޓްސްގެ އަގު ވަނީ 0.44 ޕަސެންޓު ދަށަށް ގޮސްފަ އެވެ.

މީގެ އިތުރުން ގެދޮރު މަރާމާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ އަގު 0.45 ޕަސެންޓު ދަށްވެ، އެއްގަމު މަހުގެ އަގުތައްވެސް ވަނީ 0.61 ޕަސެންޓު ދަށްވެފަ އެވެ.

comment ކޮމެންޓް