ހަތަރު ގައުމަކުން ބޮއިކޮޓް ކުރުމުން ސާކް ސަމިޓް ފަސްކޮށްފި

ނޮވެމްބަރު މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައި އޮތް 19 ވަނަ ސާކް ސަމިޓް މިހާރު ވަނީ ފަސްކޮށްފައި -- ފޮޓޯ: ޕާކިސްތާންޓްޑޭ

މަސްރަހު ހޫނުވެފައިވާ ޕާކިސްތާނުގައި މިއަހަރު ބާއްވަން ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލު ކުރާ ޖަމިއްޔާ ކަމަށްވާ ސާކްގެ ބައްދަލުވުން ފަސްކޮށް، އެ ބައްދަލުވުން ބާއްވާނެ އެހެން ތަނެއް ހޯދަން ނިންމައިފި އެވެ.

އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވަން ކުރިން ހަމަޖެހިފައި އޮތް 19 ވަނަ ސާކް ސަމިޓް ފަސްކޮށްފައި މިވަނީ އިންޑިއާ، ބަނގުލަދޭޝް، ބޫޓާން އަދި އަފްޣާނިސްތާނުން ސަމިޓް ބޮއިކޮޓްކުރުމާ ގުޅިގެންނެވެ.

ނަމަވެސް ދެން ސާކް ސަމިޓް ބާއްވާނެ ވަކި ތާރީހެއް ނޭޕާލުން ހާމަކޮށްފައެއް ނުވެ އެވެ.

މިއަހަރުގެ ސާކް ސަމިޓްކުގެ ޗެއާ ކަމަށްވާ ނޭޕާލުން މިއަދު ބުނީ، ސާކް ސަމިޓް ކެންސަލް ކުރުމުގެ ބަދަލުގައި ފަސްކުރަން ނިންމީ ސަމިޓްގައި ހިމެނޭ ހަތަރު ގައުމަކުން ސަމިޓް ބޮއިކޮޓް ކުރި ނަމަވެސް ރާއްޖެއާ ސްރީ ލަންކާގެ ފަރާތުން އެއްބާރުލުން ލިބެމުންދާތީ ކަމަށެވެ.

ސާކް ސަމިޓުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގައި ބުނާގޮތުން، ސާކުގެ މެމްބަރު އަށް ގައުމުގެ ތެރެއިން އެންމެ ގައުމަކުންވެސް ސަމިޓުގައި ބައިވެރިނުވާނަމަ އޮޓޮމެޓިކުން ސަމިޓު ފަސްކޮށް ނުވަތަ ކެންސަލް ކުރެވޭނެ އެވެ.

ސާކް ސަމިޓުގައި ބައިވެރިނުވާން އެންމެ ފުރަތަމަ ނިންމީ އިންޑިއާއިންނެވެ. އެގައުމުން ސަމިޓް ބޮއިކޮޓްކުރަން ނިންމީ "ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގެ" ސަބަބުން ކަމަށް އެގައުމުން ބުނެއެވެ.

އޭގެ ފަހުން ސާކް ސަމިޓުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނަމުން ސާކްގެ ޗެއާ ކަމަށްވާ ނޭޕާލްއަށް ބަންގުލަދޭޝްއިން ފޮނުވި ސިޓީގައި ވަނީ، އެގައުމުން ސަމިޓުގައި ބައިވެރި ނުވާން ނިންމާފައި ވަނީ "ވަކި ގައުމަކުން ބަންގުލަދޭޝްގެ ދާހިލީ ކަންތަކުގެ ތެރެއަށް ވަންނަމުން ދިޔުމުގެ ސަބަބުން ކާމިޔާބު ކަމާއެކު ސާކް ސަމިޓު ބޭއްވޭނެ މާހައުލެއް" މިވަގުތު ނެތުމުންނެވެ.

އަދި ބޫޓާނާއި އަފްޣާނިސްތާނުން ވަނީ ޓެރަރިޒަމްގެ ސަބަބުން އޭޝިއާ ސަރަހައްދުގައި ތަޅާ ފޮޅުން އިތުރުވެފައި ވުމުން ސާކް ސަމިޓަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެފައެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައި މިވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމުންނެވެ. އިންޑިއާއިން ބުނާ ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނެވެ. އަދި އިންޑިއާއިން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުން ޕާކިސްތާނު އެކަހެރި ކުރުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް