ގއ. އަތޮޅުން ނިލަންދުއާއި ދެއްވަދޫ، ގދ. އަތޮޅުން ގައްދުއާއި މަޑަވެލި ފައިނަލަށް

މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު ބުރުގައި ގައްދޫ އާއި މަޑަވެލި ކުރިން ކުޅުނު މެޗުގެ ތެރެއިން: ފައިނަލުގައި އެ ދެ ޓީމު ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހު --- ފޮޓޯ: އީބާޖްސް

މިނިވަން ޗެމްޕިއަންޝިޕްގެ ގއ. އަތޮޅު ބުރުގެ ފައިނަލަށް ނިލަންދޫ އާއި ދެއްވަދޫ ދަތުރުކުރި އިރު، ގދ. އަތޮޅު ބުރުގެ ފައިނަލަށް ގައްދޫ އާއި މަޑަވެލި ދަތުރުކޮށްފި އެވެ.

ނިލަންދޫ އާއި ދެއްވަދޫ އާއި ގައްދޫ އަދި މަޑަވެލި ދަތުރުކޮށްފައިވަނީ އެ އަތޮޅުތަކުގެ ފުރަތަމަ ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމުތަކުގެ ގޮތުގައި ހިމެނިގެންނެވެ.

ގއ. އަތޮޅު ބުރުގެ ފައިނަލުން ޖާގަ ހޯދި ނިލަންދޫ އާއި ދެއްވަދޫގެ އިތުރުން ދެން އެ އަތޮޅު ބުރުގައި ވާދަކޮށްފައިވަނީ ކަނޑުހުޅުދޫ އާއި، ކޮލަމާފުށްޓާއި، ކޮނޑޭ އަދި ގެމަނަފުށްޓެވެ. ގދ. އަތޮޅު ބުރުގައި ގައްދޫ އާއި މަޑަވެލީގެ އިތުރުން ދެން އެ އަތޮޅު ބުރުގައި ވާދަކޮށްފައިވަނީ ހޯޑެއްދޫ އާއި ނަޑެއްލާ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގއ. އަތޮޅުގެ ފައިނަލުން ޖާގަ ހޯދި ދެއްވަދޫ ޓީމު: ފައިނަލުގައި ނިލަންދޫއާ ދެކޮޅަށް ދެއްވަދޫ ނުކުންނަން ޖެހޭނީ އަންނަ ހުކުރު ދުވަހު ---

ގއ. އަތޮޅު ބުރުގެ ފައިނަލުގައި ނިލަންދޫ އާއި ދެއްވަދޫ ބައްދަލުކުރާ މެޗާއި ގދ. އަތޮޅު ބުރުގެ ފައިނަލުގައި ގައްދޫ އާއި މަޑަވެލި ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ. ގއ. އަތޮޅު ފައިނަލް މެޗު ކަނޑުހުޅުދޫގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ގދ. އަތޮޅު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯޑެއްދޫގައެވެ.

ފައިނަލް މެޗުތަކުން މޮޅުވެ، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ދެ ޓީމު ދެން ވާދަކުރާނީ ޒޯން ހަތެއްގައެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ އެ ބުރުގެ ފުރަތަމަ ލެގު މެޗު އަންނަ މަހުގެ ތިން ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް