ގަވާއިދާ ޚިލާފަށް ދަތުރުކުރި ޓޫރިސްޓު ޔޮޓެއް 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ބޭރުގެ ޔޮޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި: ސައިން ފައިލް ފޮޓޯ

ހުއްދަ ނުހޯދައި ރަސްމީ ބަނދަރުފިޔަވައި އެހެން ތަނަކަށް ދަތުރުކުރި ޓޫރިސްޓު ޔޮޓެއްގެ އޭޖެންޓު 30،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކަސްޓަމްސް ސާވިސްއިން މިއަދު ބުނި ގޮތުގައި ޖޫރިމަނާކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ރާއްޖެއައި ޓޫރިސްޓު ޔޮޓެކެވެ. އެ އުޅަނދުގެ އޭޖެންޓު ޖޫރިމަނާކޮށްފައިވަނީ ކަސްޓަމްސްގެ ހުއްދަ ނުހޯދައި ވ. ރަކީދޫއަށް ދަތުރުކޮށްފައިވާތީ އެވެ.

އެ ސާވިސް އިން އެ އުޅަނދުގެ އޭޖެންޓު ޖޫރިމަނާކޮށްފައިވަނީ ކަސްޓަމްސް ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ކަސްޓަމްސް އާންމު ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ 12 ވަނަ ނަމްބަރުގެ ދަށުންނެވެ.

ކަސްޓަމްސް އާންމު ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ 12 ގައި ބަޔާންކޮށްފައިވަނީ، ރާއްޖޭން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކޮށްފިނަމަ 30،000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ. ރަސްމީ ބަނދަރުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ މާލޭ ކޮމާޝަލް ހާބަރ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ހިތަދޫ ސަރަހައްދީ ބަނދަރެވެ.

ޖޫރިމަނާ ކޮށްފައިވަނީ ކޮން އޭޖެންޓެއް މެދުވެރިވެގެން ރާއްޖެއައި ޔޮޓެއް ކަމެއް، އަދި ޔޮޓަށް ކިޔާ ނަންވެސް ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކަސްޓަމްސް އިން އެ ޖޫރިމަނާ ކޮށްފައިވަނީ ތިން ދުވަސްތެރޭގައި ފައިސާ ދައްކަން ޖެހޭ ގޮތަށެވެ.

comment ކޮމެންޓް