ދިވެހި ޕްރިންސިޕަލުން އިތުރުކުރުމަށް 122 ޓީޗަރަކަށް ޕްރިންސިޕަލުންގެ ތަމްރީން ދީފި

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ހަތަރު ވަނަ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ދަށުން 122 ޓީޗަރަކަށް ޕްރިންސިޕަލުންގެ ތަމްރީން ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން "ލީޑާޝިޕް ވޯކްޝޮޕް އޮން ޕާސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑާސް" ނަމުގައި ހިންގާ އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަތަރު ޕްރޮގްރާމެއް ހިންގާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމުގެ އެންމެ ފަހު ޕްރޮގްރާމް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ އިރު، އެ މަސައްކަތު ބައްދަލުވުމުގައި އއ، އދ، ވ، ޅ އަދި ކ. އަތޮޅާއި މާލޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ 33 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުން އަދި ޓީޗަރުން ބައިވެރިވާ ކަމަށެވެ.

މެނޭޖްމަންޓާއި ލީޑާޝިޕާއި ގުޅުން ހުރި ދާއިރާތަކުން ބައިވެރިންނަށް މައުލޫމާތުދޭ އެ މަސައްކަތު ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އެކަޑަމިކް ހެޑް އަބްދުﷲ އިސްމާއިލް ވިދާޅުވީ، ތަމްރީނު ޕްރޮގްރާމަށް ފަހު ބައިވެރިންނަށް އިތުރު ތަމްރީނު ދިނުމަށް މިނިސްޓްރީ އާއި ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވާރސިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ފާހަގަކޮށްލެވޭ ބައިވެރިންނަށް ޔުނިޓާ ޔުނިވާސިޓީގެ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ސްކޫލް ލީޑާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ޕްރިންސިޕަލުން އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ ފުރަތަމަ ބުރާއި ދެވަނަ ބުރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާ އިރު، ފުރަތަމަ ބުރުގައި ފުވައްމުލައް، އައްޑޫ، ގދ، ގއ އަދި މާލެ އަތޮޅުން 32 މީހަކު ތަމްރީންކޮށްފައިވެ އެވެ.

އަދި ދެވަނަ ބުރުގައި ހއ، ހދ، ށ، ނ އަދި ރ އަތޮޅުން 30 ބައިވެރީން ތަމްރީންކުރިއިރު، މިދިޔަ ހަފްތާ ތެރޭގައި ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ތިން ވަނަ ބުރުގައި މ، ފ، ދ، ތ އަދި ލ އަތޮޅުގެ ސްކޫލްތަކުން 27 މީހުން ތަމްރީންކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ 46 ޕަސެންޓެވެ.

comment ކޮމެންޓް