އަޖޭ އާއި ކާޖަލްގެ އިވެންޓު ކެންސަލް ކުރުމުން ހަމަނުޖެހުން ހިންގައިފި

ބޮލީވުޑްގެ "ޕަވާ ކަޕްލް" އަޖޭ ދޭވްގަން އަދި ކާޖަލް މިހާރު އެމެރިކާ އަށް ކުރަމުން އަންނަ ދަތުރުގައި ބާއްވަން ހަމަޖެއްސި އިވެންޓެއް އެންމެ ފަހު ވަގުތު ކެންސަލް ކުރުމުން، ސަޕޯޓަރުން ރުޅިގަދަ ވެއްޖެ އެވެ.

އަޖޭ އާއި ކާޖަލްގެ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ހަމަޖެއްސި އެ އިވެންޓުގައި ބައިވެރިވުމަށް ބޮޑެތި އަދަދުތަކުން މީހުން ފައިސާ ހޭދަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަދި ކުރިން އެންގުމަކާ ނުލައި އެންމެ ފަހު ވަގުތު އިވެންޓު ކެންސަލް ކުރުމުން، އަޖޭ އާއި ކާޖަލް އާ ބައްދަލުކޮށްލުމަށް ފައިސާ ދެއްކި މީހުން ރުޅިގަދަވެ، އިވެންޓު އިންތިޒާމު ކުރި ފަރާތަށް ހަމަލާ ދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިވެންޓު ކެންސަލް ކޮށްފައި ވަނީ ކާޖަލްގެ ސިއްހީ ހާލަތު ތަން ނުދިނުމުން ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ބައެއް މީހުން އަންނަނީ ކާޖަލް އަށް ގޫގުލް އާއި ފޭސްބުކްގެ އޮފީހަށް ދާނެ ވަގުތު ލިބުނު އިރު، ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކާލާނެ ވަގުތު ނެތް ކަމަށް ބުނެ އޭނާ އަށް ފާޑު ކިޔަމުންނެވެ.

ރުޅިގަދަވެފައި ތިބި ސަޕޯޓަރުން ވަނީ އެމީހުންގެ ފައިސާ އަލުން އަނބުރާ ދިނުމަށް ގޮވައި އަޑުގަދަކޮށްފަ އެވެ.

އަޖޭ އާއި ކާޖަލް އެމެރިކާ އަށް ދިޔައީ އަޖޭގެ ކުރިއަށް އޮތް ފިލްމު "ޝިވާއޭ"ގެ ޕްރޮމޯޝަން އަށެވެ.

comment ކޮމެންޓް