މައުސޫމް އެ ކުދިންނަށް ގެއްލުމެއް ވެދާނެ، ފިޔަވަޅު އަވަސްކުރޭ!

ކުޑަކުދިން ހިޔާ ފާރުމައްވަށް ކުއްޖަކު އެރުމުން ބަޔަކު އެއްވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

އެއީ 10 އަހަރަށްވުރެ ކުޑަކުދިންތަކެކެވެ. އުސް އިމާރާތެއްގެ ކުޑަ ދޮރު ހުރަސްކޮށް އެކުދިން ފައިބަނީ 20 ފޫޓެއްހާ އުސް ފާރެއްގެ މައްޗަށެވެ. އެ ފާރު އިމާރާތާ ގާތުގައި ހުރުމުން ކުޑަ ދޮރުން ފާރު މައްޗަށް ފޭބެއެވެ. ވިހި ފޫޓް އުސް އެފާރު އިތުރަށް އުސްކުރަން ހަތް ވަރަކަށް ފޫޓް އުސްކޮށް ނަރުދާ ޖަހާފައި ހުންނައިރު އެނަރުދާތައް ހުރަސްކޮށް އެކުދިން އެ އިމާރާތުން ފައިބައިގެން ފިލަނީއެވެ. މި ފާހަގަ ކުރި ނުރައްކާތެރި ގޮތަކީ އާންމު ގޮތެއްގައި ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާއިން ކުޑަކުދިން ފިލާގޮތެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އިއްޔެ ހެނދުނު ތިން ކުދިން ފިލާފައިވާއިރު ހޯމަ ދުވަހު ވަނީ އެއް ކުއްޖަކު ފިލާފައެވެ. އަދި އާދިއްތަ ދުވަހު ވަނީ ތިން ކުދިން ފިލާފައެވެ. އަދި ކުރިން ފާހަގަކުރި އުސް ފާރުމައްޗަށް އަރައިތިއްބައި އެތައް ފަހަރަކު ސިފައިން އައިސް ވަނީ ބާލާފައެވެ. އެހެން ފިލަން އުޅުމުގެ ތެރެއިންނާއި ފިލައިގެން އުޅުމުގެ ތެރެއިން ބޮޑު އަނިޔާއެއް ވުމަކީ ދުރުގައި އޮތްކަމެއްނޫނެވެ.

ކުޑަކުދިން ހިޔާ ފާރު މައްޗަށް ކުދިންތަކެއް އަރައި--

ހުޅުމާލޭ ޕޮލިސް ސްޓޭޝަނާ ހަވާލުވެ ހުންނަވާ ޗީފް އިނިސްޕެކްޓަރު އަޒީމް ވަހީދު ވިދާޅުވީ މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާއިން ކުދިން ފިލާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެގޮތަށް ފިލާ ކުދިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހޯދައި ކުޑަކުދިންގެ ހިޔާއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ ހަތް މަސްކުރިން ހުޅުމާލޭގައި ހުޅުވި ކުޑަކުދިންގެ ހިޔާއަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ. އެތަނުގައި 10 އަހަރުން ދަށުގެ 80 ކުދިން މިހާރު އުޅެއެވެ. އެތަނުގައި އުޅޭ ކުޑަކުދިންނާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް މިވަނީ ފެންމަތިވެފައެވެ. ހާއްސަކޮށް އެކުދިންގެ އަހުލާގާއި ބަސް މަގާއި ގުޅޭގޮތުން ދެކެވޭ ނޭދެވޭ ވާހަކަތައް ހިމެނެއެވެ.

ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވީ، އެމައްސަލާގައި އެސެސްމަންޓް ހަދައިގެން ބަލާއިރު ފިލާކަން ފާހަގަ ކުރެވެނީ ސިޔާސަކޮށް އުޅޭ ތިން ވަރަކަށް ކުދިންތަކެއް ފަރާތުން ކަމަށެވެ. ބައެއް ފަހަރު އެކުދިންނާއި ގުޅިގެން އެހެން ކުދިންވެސް ނުކުންނަ ކަމަށް ވިދާޅުވިއެވެ.

"އެކުދިން ބަންދުކޮށްފައި ތިބެނީއެއްނޫން، ވަރަށް ރިލޭޓެޑް ޕުރޮގުރާމްތައް ހިންގާ، މާބޮޑު މައްސަލަތަކެއް އުޅޭތީއެއް ނޫން، އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވޭ،" ޒީނާޒް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި ވަސީލަތްމަދު!

އުމުރުން 10 އަހަރުން ދަށުގެ 80 ކުދިން ބެލެހެއްޓުމަކީ ވަރަށް ބޮޑު ކަމެކެވެ. އޭގެ ތެރޭގައި އެކި މިޒާޖުގެ ކުދިން އުޅޭއިރު އެކަކަށް ދެ ކުދިން ބެލެހެއްޓުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ޖުމުލަ 100 އަށް ވުރެ ގިނަ މުވައްޒިފުން އެތަނުގައި އުޅެއެވެ.

ސަލާމަތީ ކަންކަން ބަލަހައްޓާ އިސް ފަރާތަކުން މައުލޫމާތު ދޭގޮތުގައި ކުޑަކުދިންގެ ހިޔާއިން ތަފާތު މައްސަލަތައް ފެންމަތިވަނީ އެތަނުގައި ކުދިން ބަލަން ތިބި މީހުންގެ އަަދަދު މަދުކަމުންނެވެ. ކުދިންގެ ރައްކާތެރިކަމާއި ކުދިން ރަނގަޅަށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރު ކުރަންޖެހެއެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި ތިބި ބައެއް ކުދިން -- ސަން ފޮޓޯ:

ކުޑަކުދިން ހިޔާގެ ސީއީއޯ ވިދާޅުވީ އެ 80 ކުދިން ބެލެހެއްޓުމަށް ރަނގަޅު ޓީމެއް އޮންނަ ކަމަށެވެ. އަދަދެއް ވިދާޅެއްނުވެއެވެ. އަދި އެކުދިންނަށްޓަކައި ބޮޑު ހަރަދުތަކެއްވެސް ކުރެވޭ ކަމަށެވެ. ދުވަހުން ދުވަހަށް އެތަނަށް ކުދިން އިތުރުވަމުންދާއިރު މުވައްޒަފުން އިތުރުކުރަންޖެހިފައިވާ ކަމަށް ޒީނާޒުވެސް ގަބޫލްކުރައްވައެވެ.

ސަންއަށް އެނގިފައިވާގޮތުގައި ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ވަނީ ކުޑަކުދިން ހިޔާގެ ސެކިއުރިޓީ ކަންކަން ދަށްކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ލަފާދީފައެވެ. އެގޮތުން ފުލުހުންގެ ރިޒާވްފޯސްއަށް ނުވަތަ އެހެން ބަޔަކާއި ހަވާލުކޮށްގެން ނަމަވެސް ސެކިއުރިޓީކަންކަން މިހާރުން މިހާރަށް ހަރުދަނާ ކުރަންޖެހިފައިވާ ވަނީ ލަފާދީފައެވެ.

އެކަމާއި ގުޅޭގޮތުން ޒީނާޒު ވިދާޅުވީ ކުޑަކުދިން ހިޔާގައި މިހާރުވެސް ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ކަމަށެވެ. އެކަންކަންވެސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެކުދިން ކުޅޭނެ ސަރަހައްދެއް ހަދަނީ!

ވިލިގިލީގައި އުޅޭ ކުދިން އެސަރަހައްދަށް ނުކުމެ އުޅުނަސް ހުޅުމާލޭގައި އެފުރުސަތެއް ނުދެވޭ ކަމަށާއި ކުދިން ކުޅޭނެ ދެ ސަރަހައްެދެއް އެއިމާރާތުގެ ތެރޭގައި މިހާރު ދަނީ ތަރައްގީ ކުރަމުން ކަމަށް ޒީނާޒް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއްތަން އަންނަ މަހު ކުރީކޮޅުގައި ހުޅުވޭނެކަމަށްވެސް ޒީނާޒު ވިދާޅުވިއެވެ.

"އެހޯލަކީ މަލްޓި ޕާޕޯސްކޮށް އެކިއެކި ކުޅިވަރު ކުޅެވޭ ކަހަލަ ތަނެއް، މިހާރުވެސް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހުރޭ، ޝެޑިއުލްކޮށްގެން ކުރިއަށް ގެންދެވޭ،" ޒީނާޒު ވިދާޅުވިއެވެ.

އަޅާލާނެ ބެލެނިވެރި ފަރާތެއްނެތް ތުއްތު ކުދިންތަކެއް ދައުލަތުން ބަލަމުން އެދަނީ ބޮޑު ހޭދައެއްކޮށްގެންނެވެ. އެއާއެކު އެތައް ގޮންޖެހުމެއް އެދަނީ ކުރިމަތިވަމުންނެވެ. މިހާރަކަށް އައިސް އެންމެ ބޮޑަށް މި ފާހަގަކުރެވެނީ ކުޑަކުދިންތަކެއް 20 ފޫޓެއްހާ އުސް ފާރެއް ހުރަސްކޮށް ފިލާ މައްސަލައެވެ. މިއީ އާދައިގެ ކަމަކަށްވުރެ ކަންބޮޑުވުން އިތުރު މައްސަލައެކެވެ. އެތަންތަނުގެ ސަލާމަތީކަންކަން މިހާރުން މިހާރަށް ހަރުދަނާ ކުރަންޖެހެއެވެ.

comment ކޮމެންޓް